ބޭއޮފް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން ޑާނާގެ ސަބަބުން އިންޑިއާ އިން މިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ތޫފާން ޑާނާ އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓަށް އަރާނެ ކަމަށް ބެލެވޭއިރު އިންޑިއާ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އޮޑިޝާއާއި ހުޅަނގު ބެންގާލް އިން 1.5 މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ތޫފާން ޑާނާ އެރުމުގެ ކުރިން އެ ސަރަހައްދުގެ ރޭލުތަކާއި ފްލައިޓުތައް ކެންސަލް ކޮށްފައިވާއިރު އެކަމުގެ ސަބަބުން މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މޫސުމާބެހޭ އޮފިޝަލުން ބުނާ ގޮތުގައި ތޫފާން ޑާނާގައި ވައި ބާރުމިން ހުންނާނީ ގަޑިއަކު 100 އާއި 120 ކިލޯމިޓަރު ބާރުމިނުގައެވެ.