ބޮލީވުޑްގެ ތަރި ނިމްރަތު ކައުރް އަކީ 'ލަންޗް ބޮކްސް' ފިލްމާއި ބައިނަލްއަގުވާމީ ސީރީސް 'ހޯމްލޭންޑް' އިން މަޝްހޫރު ވެފައިވާ ތަރިއެކެވެ. ނަމަވެސް އޭނާއަކީ ގިނަ ފަހަރު އެކި ކޮންޓްރޮވާސީތަކާ ގުޅިފައިވާ ތަރިއެކެވެ.
ފަހަކަށް އައިސް، ނިމްރަތް އަނެއްކާވެސް ސުރުހީތަކުގައި ލިޔެވިގެންދަނީ ބޮލީވުޑްގެ މަގުބޫލު ތަރި އަބީޝެކް ބަޗަންއާ ގުޅުވައިގެންނެވެ. މިއީ ހަގީގަތެއްކަމެއް ރަސްމީކޮށް އަދި ހާމަވެފައެއް ނުވެއެވެ. ނަމަވެސް، މި ދެ ތަރީންގެ ގާތްކަމަކީ އަބީޝެކް އާއި އޭނާގެ އަންހެނުން، ބަތަލާ އައިޝްވަރިޔާ ރާއީގެ ކައިވެންޏަށް އުނދަގޫތައް ކުރިމަތިކުރުވި ސަބަބެއް ކަމުގެ ވާހަކަ ދަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ.
މި ވާހަކަތައް ފެށުނީ މިހާރު ވައިރަލްވެފައިވާ ރެޑިޓް ތުރެޑަކުންނެވެ. އޭގައި ބުނެފައިވާގޮތުން އަބީޝެކް އާއި ނިމްރަތު ގާތްވެފައިވަނީ 2022 ގައި ރިލީޒްކުރި 'ދަސްވީ' ފިލްމުގެ ޝޫޓިންގް ކުރަމުންދިޔައިރުއެވެ. އެހެންނަމަވެސް، ނިމްރަތް އަދި އަބީޝެކް ވެސް މި ވާހަކަތަކާ މެދު އެއްވެސް ކޮމެެންޓެއް ނުވަތަ ރިއެކްޝަނެއް ދީފައެއް ނުވެއެވެ. މިއީ ތެދު ވާހަކައެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއްވެސް އަދި ފެންނާކަށް ނެތެވެ.
މިއީ ނިމްރަތްގެ އަމިއްލަ ދިރިއުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން އިންޑިޔާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި، ނިމްރަތް ކައިވެނި ނުކުރާ ސަބަބާ މެދު ސުވާލުކުރެވުމުން، ބުނެފައިވަނީ އޭނާ ކައިވެނިކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަން ވާނީ 'ރަނގަޅު' މީހަކު ފެނުމުން އޭގެ ޒާތުގައި އަމިއްލައަށް ކަމަށެވެ. "މިހާރު އަހަރެން ކައިވެނި ނުކޮށް ހުރުމަކީ އެކަން ކުރަން ބޭނުން ނުވުމެއް ނޫން. އެކަން އޭގެ ވަގުތުގައި ވާނެ، ރަނގަޅު މީހަކާ ބައްދަލުވުމުން ނިމޭނެ. މިފަދަ ކަންކަމަކީ ރޭވިގެން ކުރެވޭނެ ކަންކަމެއް ނޫން،" ނިމްރަތް ބުނެފައިވެއެވެ.
ނިމްރަތްގެ އެންމެ މަޝްހޫރު ޑޭޓިން ހަބަރުތަކުގެ ތެރެއިން އެއް ހަބަރަކީ ކުރީގެ އިންޑިއަން ކްރިކެޓް ކުޅުންތެރިޔާ އަދި ޓީމް އިންޑިއާގެ ހެޑް ކޯޗް، ރަވީ ޝާސްތުރީއާ ގުޅުވައިދިން ހަބަރެވެ. އެ ވާހަކަތަކުން ދޭހަވި ގޮތުގައި ނިމްރަތް އާއި ރަވީ ދެ އަހަރަށްވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުނެވެ. ނަމަވެސް، އެ ދެމީހުންކުރެ އެކަކުވެސް އެމީހުންގެ ގުޅުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކުރީގެ ގިނަ ރިޕޯޓުތަކުން ދޭހަވާ ގޮތުގައި، ނިމްރަތް، އެއްފަހަރަކު މަޝްހޫރު ދެކުނު އިންޑިއާގެ ތަރި ރާނާ ދަގުބާތީއާވެސް ޑޭޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ދެ ތަރީންކުރެ އެއްވެސް ތަރިއަކު މި ލަފާކުރުންތަކާ މެދު އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާތީ، މިކަމުގެވެސް އެއްވެސް ހެއްކެއް ނެތެވެ.
ނިމްރަތް އަބީޝެކް-އައިޝްވަރިޔާގެ ބަހުސްތައް ފެށިގެންއައި ކަމަށް ބުނާ ރެޑިޓް ޕޯސްޓް އިންޓަނެޓްގައި ވައިރަލްވުމާ ގުޅިގެން، އޭނާއަށް ފޭނުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް ލިބެމުންދެއެވެ. ނަމަވެސް، މީހުން ވިސްނަން ޖެހޭ ކަމަކީ މިކަން ސާބިތުވެފައި ނުވާކަމާއި، މިއީ ހަމައެކަނި ހުސްވާހަކައެއް ކަމުގައި ވެދާނެކަމެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން