އުސޫލުތަކާއި ތައްޔާރީތައް ނިމުނުހާ އަވަހަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ދެން އޮތީ ތަންފީޒީ މަރުހަލާ ކަމަށާއި އެކަމަށް ހަދަން ޖެހޭ އުސޫލުތަކާއި ގަވާއިދުތަކެއް ވެސް އެބަހުރި ކަމަށެވެ.

"ތަން ވެސް ތައްޔާރުކޮށް، މީހުން ތަމްރީނުކޮށް، މިކަންކަން އަޅުގަނޑުމެން މިހާރު މި ކުރަނީ. އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ މިހާރު އިއުލާންކޮށްފައިވާ ގޮތަށް އެކަން ކުރާނަން ދިވެހިރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ މި ދައުރެއް ނޫން، މި މަސައްކަތް ނިމޭހާ އަވަހަކަށް، ވީ އެންމެ އަވަހަކަށް ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެމީހާއަށް އެދެވޭ އަދަބަކީ އިޔާދަނުކުރެވޭ ވަރުގެ އަދަބެއް ކަމުގައިވާތީ، ހުރިހާ މިންގަނޑަކުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި ނިމި، އެކަން ކުރެވޭނީ ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މިހާރު އެ ހުރިހާ ކަންތައްތަކެއް ނިމި، އަޅުގަނޑު ހަނދާންވާ ގޮތުން ނަމަ، ސުވާލު ނުއުފެދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ އެބައުޅޭ. އެހެންނަމަވެސް އަނެއްބައި މީހުންގެ ކޮންމެވެސް ވަރަކަށް ލީގަލް ގްރައުންޑްސްތަކެއް ނަގާފައި އެބަހުރި އެކިއެކި ތަންތަނުގައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ.