ވޭޕަށް ދެވި ހިފާފައިވާ ނުވަ އަހަރުގެ ކުދިންނަށް ވެސް އޮޅުވާލައިގެން މަސްތުވާތަކެތި ދެމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ގިނަ ކަންތައްތަކަށް ބެއްލެވުމަށްފަހު ކަމަށާއި އެންމެ ބޮޑު ބިރަކީ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ޖީލެއް ރާއްޖޭގައި އުފެދިދާނެތީ ކަމަށެވެ.

"ދިވެހިރާއްޖޭގައި ގްރޭޑު ތިނެއްގައި ކިޔަވާ ކުއްޖެއް، އެ ކުއްޖާގެ އުމުރު އަންދާޒާކުރައްވާ، ނުވަ އަހަރު. ނުވަ އަހަރުގެ ކުދިން މިކަމަށް ދެވި ހިފަނީ. ވޭޕް ކުރުމަށް ދެވި ހިފަނީ. އޭގެ ތެރެއިން ދެން މަސްތުވާތަކެތި އޭގެ ތެރެއަށް ލާފައި ކުދިންނަށް އޮޅުވާލައިގެން މަސްތުވާ އެއްޗެހި މިދެނީ. އެހެންވީމާ މިއީ އާދަޔާހިލާފު ތަފާތު ޓްރެންޑެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން އަށް ގައުމަކުން ވޭޕް މަނާކޮށްފައިވާ ކަމަށާއި ހަމައެކަނި 18 އަހަރުންމަތީގެ މީހުން ވޭޕް ކުރުމަކުން ރައީސް އެގޮތަށް އެ ނިންމެވުން ނުނިންމަވާނެ ކަމަށެވެ.

"އެއާއެކު ވޭޕް ތުރޫކޮށް މަސްތުވާތަކެތި ސްޕްރެޑް ނުކުރާ ނަމަވެސް، މި ޑިސިޝަން މިގޮތަށް ނަންގަވާނެ ކަމަކަށް އަޅުގަނޑަށް ހިއެއް ނުވޭ، އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންނަމަވެސް އާދަޔާހިލާފަށް އަޅުގަނޑުމެންނަށް ރެކޯޑުތަކުން، ސްޓެޓިސްޓިކްސް އިން މީތި ފެންނަނީ ސްކޫލުތަކުގެ ތެރޭގައި ފަސޭހަކަމާއެކު އަގުހެޔޮކޮށް ޑިސްޓްރިބިއުޝަން ނެޓްވޯކުތައް ހެދިގެން މިކަން ކުރަމުން އަންނަ މަންޒަރު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި އަގުހެޔޮކޮށް ލިބޭ އެއްޗަކަށް ނުވި ނަމަވެސް، ވޭޕް އިންފިއުސް މަސްތުވާތަކެތި އަގުހެޔޮކޮށް ރާއްޖޭގައި ބަހަމުންދާ ކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކޮށް ވިއްކުން ނޮވެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.