ކޯންފްލޭކްސް ފޮށްޓެއްގެ ތެރެއަށް ލައި ފޮރުވައިގެން 81،130 ޑޮލަރު ރާއްޖޭން ބޭރުކުރަން އުޅުނު މީހާ 12،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކުރީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، ޝަހްމިން އިސްލާމް ޝަގުރުގެ މައްޗަށެވެ. އޭނާ ވަނީ އެކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ.
ކެލޮގްސް ބްރޭންޑުގެ ކޯންފްލޭކްސް ފޮށްޓެއްގައި ފޮރުވައިގެން ރާއްޖެއިން ބޭރަށް ޑޮލަރުތަކެއް ގެންދަން އުޅެނިކޮށް ޝަހްމިން އަތުލައިގަތީ އޯގަސްޓު 25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ބޭރަށް ދާން އުޅުނީ ޔޫއެސް ބަންގްލާ އެއާލައިންސް އިން ޑާކާ އަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ސިއްރުން ރާއްޖެއިން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ޝަހްމިން ބުނެފައިވަނީ ދައުވާގައިވާ ކަަންކަމަށް އިއުތިރާފުވާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް، ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ފޮރުވައިގެން ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރިކަން، ޝަހްމިންގެ އަމިއްލަ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެ ކޯޓުން ހުކުމް ކުރީ ވަގަށް ރާއްޖޭން ބޭރުކުރަން އުޅުނު 81،130 ޑޮލަރު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނެގުމާއެކު 12،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެގޮތުން ޖޫރިމަނާ ފައިސާ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ ކުރިން މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު