ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން "ފަލަސްތީނާއެކު ދިވެހިން" އަށް ލިބުނު ފައިސާއާ ބެހޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެކަމާ ބެހޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައި ވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.

އޭނާ މިނިސްޓަރާ ކުރެއްވުމަށް ހަމަޖިފައިވާ ސުވާލުގެ ގޮތުގައި ހިމަނާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންސިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިޔަން ރުފިޔާ ފަލަސްތީނު ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެވިއްޖެތޯ ސުވާލު ކުރެއްވުމަށެވެ.

އެ ފައިސާ އެފަރާތާ ހަވާލު ނުކުރެވޭ ނަމަ، ފައިސާ ހަވާލު ނުކުރެވި ހަތަރު މަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ސަބަބު ސާފުކޮށްދެއްވުމަށާއި އެ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ރައްދު ކުރެވޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް މީކާއިލް އެދިފައިވެއެވެ.

ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ޖުލައި ތިންވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.