އެމްޓީސީސީން "ސުޒުކީ ބީޗް ކްލީންއަޕް" އިވެންޓެއް ކުރިއަށް ގެންގޮސް، 426 ކިލޯގެ ކުނި އެއްކޮށްފިއެވެ.

އެމްޓީސީސީން މިއަދު މީޑިއާތަކަށް ބުނީ އެ އިވެންޓު ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ.

އެ އިވެންޓު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެންޖީއޯ ސޭވް ދަ ބީޗާއި ހުޅުމާލެ މަސްވެރިންގެ ޖާމިއްޔާއާއި އެޗްޑީސީ އަދި ވެމްކޯއަށް ޝުކުރު އަދާކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ އިވެންޓުގެ މަގުސަދަކީ ހުޅުމާލޭގެ ގޮނޑުދޮށްތަކާއި ތިމާވެށި ސާފުތާހިރުކޮށް ބެހެއްޓުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުތަކަށް އެހީތެރިވެ، ރަނގަޅު މާދަމާއެއް ކަށަވަރުކުރުމުގެ ދަތުރު ކުރިއަށްދާ އިރު، ސާފު، ފެހި މާހައުލަކަށް ހުޅުމާލެ ވެގެންދާނެ ކަމަށެވެ.