މުމްބާއީގެ ބާންދްރާގެ މައި ސަރަހައްދުގައި ހުންނަ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ބަންގަލޯ ނިމިފައިވާކަން ހާމަކޮށްފިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އާލިއާ، ރަންބީރު، އޭނާގެ މަންމަ އަދި އެކްޓަރު ނީތު ކަޕޫރު ވަނީ އިމާރާތްކުރަމުންދިޔަ މި ބަންގަލޯއަށް އެކި ފަހަރުމަތިން ޒިޔާރަތްކޮށްފައެވެ. އާލިއާ އާއި ރަންބީރުގެ އެއް އަހަރުގެ ދަރިފުޅު ރާހާ ކަޕޫރުވެސް ވަނީ އެމީހުންނާއެކު އެ ބަންގަލޯއަށް ޒިޔާރަތްކޮށްފައެވެ.

އިންސްޓަގްރާމްގައި ޕަޕަރާޒީއެއް ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި، ގިނަ ފަންގިފިލާތަކެއް ހިމެނޭ މި އިމާރާތް ގާތްގަނޑަކަށް ނިމިފައިވާތަން ފެންނަން ހުއްޓެވެ. މި ހަ ބުރީގެ އިމާރާތަށް ނަން ދީފައިވަނީ ރަންބީރުގެ ނިޔާވެފައިވާ މާމަ ކްރިޝްނާ ރާޖް ކަޕޫރުގެ ނަމުންނެވެ. މި އިމާރާތުގައި ވަނީ މުޅިން އަޅިކުލަ އަދި މަޑު ނޫކުލަ ޖައްސައިފައެވެ. ބެލްކަނީތަކާއި ބޮޑެތި ކުޑަދޮރުތައް ހަދާފައިވަނީ ބިއްލޫރިންނެވެ.

https://www.instagram.com/viralbhayani/reel/DBQrYpUMxM2/

ނަމަވެސް، ގިނަ ފޭނުން މި އިމާރާތުގެ ސިފައަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެއް މީހަކު ބުނެފައިވަނީ، "ދެއްލީގެ ޕަންޖާބީ ބާގު ނުވަތަ ޕްރިތުވިރާޖް މަގަށް އަންނާށެވެ. މިއީ ބަންގަލޯއެއް ނޫނެވެ. މިއީ ބިލްޑަރ ފްލޯއެކެވެ." އަނެއް މީހަކު ކޮމެންޓް ކޮށްފައިވަނީ، "ފެންނަނީ އޮފީސް ކެބިންތަކެއް ހެން" އަދި އެއް ފޭނަކު ބުނެފައިވަނީ، "ދެރަ ޗޮއިސްއެކެވެ. މީގައި ބަގީޗާއެއް، ގުދުރަތީ ރީތިކަން ހުންނަންވާނެއެވެ."

މިއަހަރުގެ ކުރީކޮޅު، ބޮލީވުޑް ލައިފްގެ ރިޕޯޓެއްގައި ބުނެފައިވަނީ ރަންބީރު މި ބަންގަލޯއަށް ނަން ދޭނީ ދަރިފުޅު ރާހާގެ ނަމުންނެވެ. އެގޮތުން ރާހާ ވެގެންދާނީ ބޮލީވުޑްގެ 'އެންމެ ޅަ އަދި އެންމެ މުއްސަނދި ކުޑަ ތަރި' އަށެވެ. މި ބަންގަލޯއަށް ރަންބީރާއި އޭނާގެ އާއިލާއިން '250 ކްރޯރު ރުޕީސް' ހަރަދުކުރާނެ ކަމަށާއި، މިއީ މުންބާއީގެ 'އެންމެ އަގުބޮޑު' މަޝްހޫރުންގެ ބަންގަލޯއެއް ކަމަށް ކަމަށް އެ ރިޕޯޓުގައިވެއެވެ. މިއީ ޝާހުރުކް ޚާންގެ މަންނަތް އަދި އަމިތާބް ބައްޗަންގެ ޖަލްސާއަށްވުރެވެސް އަގުބޮޑު ބަންގަލޯއެކެވެ.

ލަފާކުރެވޭ ގޮތުގައި މި ބަންގަލޯ ތައްޔާރުވުމުން، މުޅި ކަޕޫރު އާއިލާ، ނީތު ކަޕޫރުވެސް ހިމެނޭގޮތަށް އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭނެއެވެ. މިހާރު އާލިއާ އާއި ރަންބީރު، ރާހާއާއެކު ދިރިއުޅެމުންދަނީ ވާސްތުގައެވެ.