މި އަހަރަށްވެސް ފަސް ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށްފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދައި ރެކޯޑް ނުކޮށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށެވެ. އެކަމުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމުލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، އެ ހިސާބުތައް ހަމަޖެއްސުމަށްޓަކައި ސްޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަަމުން އަންނަ ކަމަށެވެ.

"ހަރަދުކޮށް ނިންމާލާފައި ސްޕްލިމެންޓްރީ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓާއެކުގައި ލުމުގެ ބަދަލުގައި ޓްރާންސްޕޭރެންޓްކޮށް ވެފައި އޮތް ގޮތް ބަލާފައި އިތުރަށް ކުރަންޖެހޭ ހަރަދުތަކަށް ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރު ކޮށްގެން އެ ކަންތައްތައް ކުރާނަން. އެ ކަންތައްތައް މިހާރުވެސް އެބަ ގެންދަން" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ސަޕްލިމަންޓް ބަޖެޓުގެ ގޮތުގައި ފަސް ބިލިއަނެއްހާ ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަކު ސީދާ އަދަދެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށެވެ. މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.