ދުންފަތް ކޮންޓްރޯލްކުރަން ހަދާފައިވާ ގާނޫނުތައް ތަންފީޒުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާ އެކު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވައިލަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ލަފާފުޅާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ނިންމަވާފައިިވަނީ އެ މާސްޓާޕްލޭން މި މަހުގެ 27ގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާ އެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ވެސް މާސްޓާ ޕްލޭންގައި ހިމަނަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މިގޮތަށް ނިންމަވާފައިވާ އިރު، ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑުކުރަން ވެސް ރައީސް ނިންމަވާފައިވެއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ފޮނުއްވަން ރައީސް ނިންމަވާފައިވެއެވެ.

  • އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން
  • މި މުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން

މީގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.