ދަ ނޯޓިލަސް ފައުންޑޭޝަނުން 2025ގެ ސްކޮލާޝިޕްތަކަށް ހުޅުވަލައިފިއެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށާއި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ދަ ނޯޓިލަސް ފައުންޑޭޝަނަކީ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް، މަންޓާ އެއާ، ދާލު އެއާޕޯޓްސް، އީގަލް މެރައިން، ރިއޯލޯ ގްރޫޕް އަދި އެމްއޭޑަބްލިޔުއެސްސީގެ ފަރާތުން ހިންގާ އިޖުތިމާއީ ހަރަކާތްތައް ވިލަރެސްކޮށް އެ ހަރަކާތްތައް ހިންގާ ޖަމިއްޔާއެކެވެ.
ދަ ނޯޓިލަސް ފައުންޑޭޝަނުން ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލަނީ އަހަރަކު އެއް ފަހަރުއެވެ. އެ ޖަމިއްޔާ އިން އެ ފުރުސަތުތައް ހުލުވާލާ އިރު، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ އިސްކަމެއްދެއެވެ.
އަންނަ އަހަރު ދަ ނޯޓިލަސް ފައުންޑޭޝަނުން ދޭ މެރިޓް ބޭސް ސްކޮލާޝިޕްސްތަކަށް ހުޅުވާލިކަން އިއުލާންކުރީ މިއަދު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިޕާޓްމަންޓް އައިޝަތު އިހުމާއެވެ.
ދަ ނޯޓިލަސް ފައުންޑޭޝަނުން މިފަހަރު ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ރާއްޖެއަށް ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ ދާއިރާތަކުން ޑޮކްޓަރުން ސްޕެޗަލައިޒްވުމަށާއި، ނޫސްވެރިކަމުގެ ދާއިރާ އިން އަންޑަގްރެޖުއޭޓް ޑިގްރީ އިން މާސް ކޮމިއުނިކޭޝަނާއި، އެއާކްރާފްޓް މެއިންޓެނަންސް ލައިސަންސް ޕްރޮގްރާމު އަދި ސެޓިފިކެޓް 3 އިން ކޮމާޝަލް ކުކަރީއެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ އެ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު މަދުވެގެން ތިން އަހަރު ރާއްޖޭގައި ހިދުމަތްކުރަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ކުންފުންޏެއް، ޖަމާއަތެއް ނުވަތަ އިދާރާއެއްގައި ހިދުމަތްކުރުން ލާޒިމެއް ނުކުރެއެވެ. އަންނަ އަހަރު ޖުމުލަ 4 އާއި 6 އާ ދެމެދުގެ އަދަދަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަ ނޯޓިލަސް ފައުންޑޭޝަން އަދި ޕާޓްނާޝިޕް ގްރޫޕުތަކުގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ ސްކޮލާޝިޕްތަކަށް ހުޅުވާލާފައިވާނީ އެންމެ މުހިންމު ދާއިރާތަކަށް އިސްކަންދީގެން ކަމަށާއި ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ހުރިހާ ހަރަދެއް ހަމަޖެހިގެންދާނެ ކަމަށެވެ.
"އެއް ދާއިރާއަކީ ޑޮކްޓަރުން ސްޕެޝަލައިޒްވާން ދޭ ފުރުސަތުތައް. ރާއްޖޭގައި މިވަގުތު ސްޕެޝަލައިޒްވެފައި ތިބި ޑޮކްޓަރުންގެ އަދަދު މަދު. އެމީހުންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި އެ ދާއިރާ ޗޫސްކޮށްލާފައި،" ހަލީލު ވިދާލުވިއެވެ.
ހަލީލު ވިދާޅުވީ ނޫސްވެރިޔަކަށް އެއް ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ، އެ ދާއިރާއިން ރަނގަޅު ލިޔުންތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް އެ ނޫސްވެރިޔާއަށް، ނޫސްވެރިކަމުގެ ދާއިރާއިން ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
"މިއީ ގައުމުގެ އެކައުންޓަބިލިޓީ ގެންނަން ވަރަށް މުހިންމު ދައިރާއެއް. ސްކޮލާޝިޕް ހުލުވާލަނީ ރާއްޖޭގައި ދުނިޔޭގެ އެހެން ތަނަކުން ޔުނިވާސިޓީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި. އަލަށް މި ދާއިރާއަަށް ވަންނަ ކުދިން ކަމުގައިވިޔަސް ފުރަތަމަ ފަސްޓް ޑިގްރީ ހާސިލުކުރެވޭ ގޮތަށް މި ހެދީ،" ހަލީލް ވިދާޅުވިއެވެ.
ރާއްޖޭގައި ހޮސްޕިޓަލިޓީ އިންސްޓިޓިއުޝަނެއް ނެތްކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އެންމެ މުސާރަ ބޮޑު އެއް ބަޔަކީ ޝެފުން ކަމަށާއި އެއީ ތައުލީމު ހާސިލުކޮށްގެން ވަޒީފާގެ ފުރުސަތު ވެސް ވަރަށް ބޮޑު ދާއިރާއެއް ކަމަށެވެ. އަދި އެ ދާއިރާ އިން ވަޒީފާ ލިބޭނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ފޯމުތައް ރިވިއުކުރަން އެކަމަށް ހާއްސަ ބޭފުޅުން ތިއްބާނެ ކަމަށާއި ދިވެހިން ބިނާކުރުމަށް ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލުމުގެ އިތުރުން ތައުލީމު ހާސިލުކޮށް ނިމުމުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.
އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުން ކިޔެވުމަށް ކަނޑައަޅާފައިވާ ޔުނިވާސިޓީ، މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ ނުވަތަ އެޑްމިޝަން ލެޓާ ހުށަހަޅަން ޖެހެއެވެ. ސްކޮލާޝިޕްތައް ހުލުވާލާފައިވަނީ ސްކޮލާޝިޕެއްގައި ކުރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކޮށްފައި ނުވާ ދިވެހީންނަށެވެ.
ދަ ނޯޓިލަސް ފައުންޑޭޝަންގެ އަންނަ އަހަރުގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. އިތުރު މައުލޫމާތު https://thenautilusfoundation.mv/opportunity/ އިން ލިބެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު