ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކޮށްފިއެވެ.

ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކޮށްފައިވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ އައްޔަންކޮށްފައިވަނީ ވެސް ހޯމްލޭންޑް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ވަކިވެވަޑައިގެންކަން ހާމަކުރައްވައި ފައިރޫޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ކުރެއްވި މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށެވެ. އޭނާ ވަނީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފައިރޫޝް، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ޖެނުއަރީގައެވެ. ރިޓަޔާކުރެއްވުމުގެ ކުރިން އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

ފައިރޫޝް، ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކި ކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފައެވެ.