އިޒްރޭލުން މިހާރު އެދަނީ އެއްފަހަރާ ހަތަރު މައިދާނެއްގައި ހަގުރާމަ ކުރަމުންނެވެ. އެއްމައިދާނަކީ ގާޒާއެވެ. ދެން ލުބުނާނާއި ސީރިޔާއާއި ޔަމަނުގައެވެ. ފަސްވަނަ މައިދާނެއްގައިވެސް ހުޅުފަޅައިގެން ހިނގައިދާނެކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. މިއިން ކޮންމެ މައިދާނަކުން ފެންނަނީ ދުނިޔޭގެ ގާނޫނުތައް މުގުރަމުން ގަތުލުއާއްމު ހިންގަމުންދާ މަންޒަރެވެ. މަރައި ހުސްކުރަނީ ހަމައެކަނި އަރަބީންނެއް ނޫނެވެ. އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ މީހުންވެސް މަރަނީއެވެ. އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖުތަކަށްވެސް ހަމަލަދެނީއެވެ. އަދިކިޔެއްތަ، ދުނިޔޭގެ ކޯޓާއި އދ.ގެ އޮފިޝަލުންނާ ދެކޮޅަށްވެސް ފިޔަވަޅުތައް އަޅަނީއެވެ. އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރުގެ އަމަލުތައް މިހިސާބަށް ދިޔައިރު ދުނިޔޭގެ ކަންކަން ހަމަމަގަށް އަޅުވައި އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި ފޫގަޅައިގެން ތިބޭކަމަށް ވަކާލާތުކުރާ އެމެރިކާ އާއި ހުޅަނގު ޔޫރަޕް ކޮބައިހެއްޔެވެ. އެމީހުން ކުރަނީ ކޮންކަމެއް ބާވައެވެ.

ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތް އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީ އެމެރިކާއެވެ. އެދައުލަތް އިއުލާންކުރުމާއެކީ ހަމައެދުވަހުއެވެ. އެމެރިކާގެ ރައީސްކަމުގައި އޭރު ހުންނެވީ ހެރީ ޓްރޫމަންއެވެ. އެއީ 14 މެއި 1948 އެވެ. އިޒްރޭލުގެ ދައުލަތް ހެރީ ޓްރޫމަންގެ ސަރުކާރުން ގަބޫލުކުރިތާ ހަމަސްފަހުން އިޒްރޭލުގެ ސިޔާސަތަށް ފާޑުވިދާޅުވާން އޭނާއަށް ކެރިވަޑައިގަތެވެ. ފަލަސްތީނުގެ ރެފިއުޖީންނާމެދު އިޒްރޭލުން އަމަލުކުރާގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާތީއެވެ. އިޒްރޭލުގެ އަމަލުތައް ރައީސް ޓްރޫމަން ސިފަކުރައްވާފައިވަނީ ލަދުވެތި އަމަލުތަކެއްގެ ގޮތުގައެވެ. ތަހުޒީބު މުޖުތަމައަށް ގަބޫލުނުކުރެވޭ އަމަލުތަކެއްގެ ގޮތުގައެވެ. އިޒްރޭލުގެ ދައުލަތް ފަލަސްތީނުގައި ވުޖޫދު ކުރުމަށް އެމެރިކާއާ ބައިވެރިވެގެން ދެން އެންމެ ބޮޑަށް މަސައްކަތްކުރި ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސި އޭރުގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްއަށްވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވަން ކެރިވަޑައިގެންނެވިއެވެ.

ހެރީ ޓްރޫމަނަށްފަހު އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވި އައިޒަންހާވާއަށްވެސް އިޒްރޭލުގެ އަމަލުތަކަށް ފާޑުވިދާޅުވާން ކެރިވަޑައިގެންނެވިއެވެ. އދ. ގެ ސަލާމަތީ މަޖިލީހުގައި އޭރު އިޒްރޭލާ ދެކޮޅަށް ގަރާރުތައްވެސް ފާސްކުރެވެއެވެ. ކުރިއެވެ. އިޒްރޭލާ ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އިންޒާރު ދެއްވައި 1956 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް އައިޒަންހާވާ އިޒްރޭލު މައިތިރި ކުރެެއްވުމުގެ ވަރަށް ތާރީޚީ ހާދިސާއެއްވެސް ވަނީ ފެނިގެންގޮސްފައެވެ. އެމެރިކާގެ ރައީސްކަމުގައި ލިންޑަން ބީ ޖޮންސަން ހުންނެވިއިރު 1966 ގައި އޭނާއަށްވެސް އިޒްރޭލް ކުށްވެރިކުރަން ކެރިވަޑައިގަތެވެ. އެކަން ކުރެއްވިއެވެ. އިޒްރޭލުގެ އަމަލުތަކަށް ފާޑުވިދާޅުވާން ކެރިވަޑައިގަތެވެ. އޭގެފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޖިމީ ކާޓަރު ވަނީ އިޒްރޭލުގެ ސިޔާސަތަކީ ކަނޑައެޅިގެން ނަސްލީ އިމްތިޔާޒުގެ ސިޔާސަތެއްކަމަށް ސިފަކުރައްވައިފައެވެ.

އިޒްރޭލު އުފަންކުރިތާ 76 އަހަރު ފާއިތުވެގެންދިޔައިރު އިޒްރޭލް ހިމާޔަތްކޮށް މަދަދުކުރަނީވެސް އެމެރިކާއިންނެވެ. އެކަމަކު އިޒްރޭލުގެ އަމަލުތައް ހައްދުފަހަނަޅައިދިޔައީމާ އެވާހަކަ ވިދާޅުވާން އެމެރިކާގެ ރައީސުންނަށް ކެރިވަޑައިގެން އެކަން ކުރެެއްވިއެވެ. އެވަރުވެސް ނުވަނީ މިހާރުއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނާއިބުރައީސް ކަމަލާ ހެރިސްއަށް އިޒްރޭލުގެ ޖަރީމާތަކާމެދު ހަމަ އެކައްޗެކޭވެސް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވައެވެ. ހުސްވި އަހަރުގެ އޮކްޓޫބަރު ހަތަކުން ފެށިގެން މިހާތަނަށް ގާޒާގައި އެތައްހާސް ބަޔަކު މަރައިފިއެވެ. ލުބުނާނުގައިވެސް އެހިންގަނީ ހަމައެފަދަ ގަތުލުއާއްމެކެވެ. އިޒްރޭލުގެ އަމަލުތަކަކީ ގަތުލުއާއްމެއް ކަމަށް ދުނިޔޭގެ ކޯޓުންވެސް ނިންމައިފިއެވެ. މި ގަތުލުއާއްމު ހުއްޓުވުމަށް އެންމެހައި ގައުމުތަކުން އެހީތެރިވުމަށްވެސް ގޮވާލައިފިއެވެ. ހިފާފައިވާ ބިންތަކުން އިޒްރޭލް ސިފައިން ފޭބުމަށް އދ.ގެ އާއްމު މަޖިލީހުންވެސް ގޮވާލައިފިއެވެ.

އެކަމަކު މިއިން މަންޒަރެއް ވައިޓްހައުސްއަށް ނުފެންނަތަނުގައި މިއިން އަޑެއްވެސް ނީވެއެވެ. އަހާކަށް ބޭނުމެއްވެސް ނުވެއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި އެމެރިކާގެ ރައްޔިތަކު މެރުމަކީ އެމެރިކާއަށް ހަޖަމުކުރެވޭ ކަމެއް ނޫނެވެ. އެކަމަކު އިޒްރޭލާ ޖެހުނީމާ އެކަންވެސް އޮންނަނީ އެކޮޅުކޮޅުން ޖެހިފައެވެ. ފަލަސްތީނު މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދެންޏާ އެމެރިކާ މީހަކަށްވިޔަސް އެމީހަކު މެރުމުގެ ހުއްދަ އިޒްރޭލަށް އޮންނަނީ ދީފައެވެ. ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި މިކަހަލަ ހަތަރު ފަސް ހާދިސާއެއް ވަނީ ހިނގައިފައެވެ. އެވާހަކަ ދައްކާކަށްވެސް އެމެރިކާ ބޭނުމެއް ނުވެއެވެ. އިޒްރޭލް ބޭނުންވާ ވަގުތަކު ބޭނުންވާ އެއްޗެއް އެމެރިކާއިން ލިބުން ލަސްވިޔަސް ބޮޑާހޭކުމުގެ ސިފަ އިޒްރޭލުގެ ކިބައިން ފާޅުވުންވެސް ވަނީ އިތުރުވެފައެވެ. ކޮންމެފަހަރަކުވެސް ކަންކަން ނިމެނީ އިޒްރޭލް ބޭނުންވާ ގޮތަށް ކަންކަން ފަހިވެގެންނެވެ. ދޫދޭންޖެހެނީ އެމެރިކާއަށެވެ. ހީވެއެވެ. އެމެރިކާއަކީ އިޒްރޭލުގެ ކޮލޮނީއެކެވެ.

އިޒްރޭލުގެ އަމަލުތައް ހައްދުފަހަނަޅައިގެންދާ ދުވަސްވަރު އިޒްރޭލު މައިތިރިކުރުމަށް އެމެރިކާގެ ރައީސުން ކުރެއްވި ކަންކަމުގެ މައްޗަށް މަތީގައި ކުރުގޮތަކަށް ބަލައިލެވިއްޖެއެވެ. މިހާރު އެވަރުވެސް ނުކުރެވެނީ ކީއްވެގެން ބާވައެވެ. އެމެރިކާގައި އޮންނަ ޔަހޫދީ ލޮބީގެ ބާރު މާބޮޑަށްވެސް ވަރުގަދަވީ ބާވައެވެ. ނުވަތަ މިއަހަރަކީ އެމެރިކާގައި ރިޔާސީ އިންތިޚާބު އޮންނަ އަހަރުވީމާ ޔަހޫދީ މަހުޖަނުންގެ ނުފޫޒާއި ފައިސާގެ ބިރަށްޓަކައި އެއްޗެކޭ ނުބުނަނީ ބާވައެވެ. ބޮޑަށް ގަބޫލުކުރެވެނީ ފަހުން މިބުނި ގޮތެވެ. އިންތިޚާބީ އަހަރުވީމާ ޖެހިލުންވަނީއެވެ. ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކީ މިހާރުގެ ނާއިބުރައީސް ކަމަލާ ހެރިސްއެވެ. އެކަމަނާޔާ ވާދަކުރައްވާ ބޭފުޅަކީ އިޒްރޭލުގެ މިތުރެއްކަމަށްވާ ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕުގެ ނަންދެވިފައިވާ މަގުތައްވެސް އިޒްރޭލުގައި އެބަހުއްޓެވެ. އެހެންވީމާ ވަކިގޮތަކަށް ލޭބަލްވެދާނެތީ އެކަމަނާ އެހުންނެވީ އިޒްރޭލުގެ ޖަރީމާތައް ފެނިވަޑައިނުގަންނަވާ ކަމަށް ހައްދަވައިގެންނެވެ. އިންތިޚާބުގައި ދެންވާ އެއްޗެއް ބަލަން ތިބެމާބަހީއެވެ.