ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ދަންނަވައި އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުމަކީ ރާއްޖޭގެ ޅަދަރިންނާއި ޒުވާނުންނާއި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.
"ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،" އުޝާމް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުން އެކަމަށް ގޮވާލަމުން ދަނިކޮށެވެ. މީގެ އިތުރުން ދަރިވަރުން ސްކޫލުތަކުގައި ވޭޕްކުރާ މިންވަރު އިތުރުވެފައިވާތީ ސުކޫލުތަކުގެ ވެރީން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ރައްޔިތުންގެ ގިނަ ބަޔަކު ވަނީ މިކަމަށް މަރުހަބާ ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު