ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސް ނިންމަވައިފިއެވެ.

ރައީސް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުން އެކަމަށް ގޮވާލަމުން ދަނިކޮށެވެ. މީގެ އިތުރުން ދަރިވަރުން ސްކޫލުތަކުގައި ވޭޕްކުރާ މިންވަރު އިތުރުވެފައިވާތީ ސުކޫލުތަކުގެ ވެރީން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ނިންމެވުމަށް މަރުހަބާ ދަންނަވާއި ހޯމް މިނިސްޓަރު އަލީ އިހުސާން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕަކީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ އެއް ކަންތައް ކަމަށާއި ވޭޕް މަނާ ކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ބޮޑު ނިންމެވުމެއް ކަމަށެވެ.