ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލުގައި ގޮތުގައި، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ ހަލީލް އާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބުދުﷲ ނާޒިމަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި މަޖިލިސް ތަޅުމަށް އިއްވުމުން އިތުރަށް ދިރާސާކުރުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއުލާން ކުރެއްވިއެވެ.

ހުސްވި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ގެންނެވި މި ބަދަލުތައް ގެންނެވުމުގެ ކުރިން މޫސާ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައެވެ. ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި އަބްދުﷲ ހަލީލު ހުންނެވީ ހެލްތު މިނިސްޓުކަމުގެ މަގާމުގައެވެ. އަދި ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.

ނަމަވެސް އޭރު ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގަށް މަގާމެއް ދެއްވާފައެއްނުވެއެވެ.