އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ލީޑާޝިޕް ބައިވެރިވާ، އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި މިއަދު ހެނދުނު ފަށައިފިއެވެ.
މިއީ "ލާމަރުކަޒީ ގުޅުން" ގެ ނަމުގައި ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. ށ. އަށް އަމާޒުކޮށް، އެއަތޮޅުތަކުގެ އެމްޑީޕީގެ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާ އެކު އެމްޑީޕީގެ ލީޑާޝިޕުން ބާއްވާ ކޮންފަރެންސްއެކެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވައެވެ.
މި ކޮންފެރެންސް ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި ކޮންފަރެންސްއާ ގުޅޭ ގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި، އެ މަޝްވަރާ ބައްދަލުވުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެމްޑީޕީން ފަށާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކަމަށެވެ.
އެ ބައްދަލުވުމަކީ ޕާޓީ އާއި ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާ އޮންނަ ގުޅުން ރަނގަޅުކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ބައްދަލުވުންތަކުގައި ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ މެންބަރުންނާ އެކު 85 ފަރާތެއް ބައިވެރިވާނެއެވެ. އޭގެ އިތުރުން ހުރިހާ ސިޓީތަކެއްގެ މޭޔަރުން ބައިވެރިވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު