މި އަހަރު ދޭ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ހުޅުވާލާފައިވަނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދަން އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ.

އެ އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެ އެވޯޑްތައް ދޭނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާގައެވެ.

މިނިސްޓްރީން ބުނީ، އެ ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ހަމަވާ މީހުން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިނިސްޓްރީގެ މެއިލްއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެވޯޑުތަކަށް އެދި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް ބުންޏެވެ.