ހަނީމޫނަށް ސިންގަޕޫރަށް ދިޔަ ދެމަފިރިޔަކު މުޒާހަރާކޮށްގެން ހައްޔަރުކޮށްފިއެވެ.

ސްޕެއިން އަށް ނިސްބަތްވާ އެ ދެމަފިރިން، އެ މީހުންގެ ހަނީމޫން ސިންގަޕޫރުގައި ހޭދަކުރަނިކޮށް އެ ދެ މީހުން ވަނީ އެ މީހުން ސަޕޯޓުކުރާ ފުޓްބޯޅަ ކްލަބެއްގެ ވެރިޔާއާ ދެކޮޅަށް މުޒާހަރާ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ދެމަފިރިން މުޒާހަރާކޮށްފައި ވަނީ އެ މީހުން ސަޕޯޓުކުރާ ފުޓުބޯޅަ ކްލަބުގެ ވެރިޔާ ކަމުގައިވާ ސިންގަޕޫރު ރައްޔިތެއްގެ ގޭގެ ދޮރުމަތީގައެވެ. އެމީހުން ވަނީ އެ ކްލަބުގެ ވެރިޔާ ޕީޓާ ލިމްގެ ގޭގެ ދޮރުމަތީގައި ބެނާއެއް ހިފައިގެން މުޒާހަރާކޮށްފައެވެ. އެބެނާގައި ''ގޯ ހޯމް ޕީޓާ ލިމް'' ޖަހާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހަނީމޫން ނިއްމައިލުމަށްފަހު ސިންގަޕޫރުން ފުރަން އެއާޕޯޓުގައި ތިއްބައެވެ.

ސިންގަޕޫރު ވެފައި ވަނީ އެގައުމުގެ ގާނޫނާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދޭ ގައުމެއްގެ ގޮތުގައެވެ.