ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެމްއެސްސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ “MSC MANASA F" ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފައެވެ. އެ ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލްއިން ވަނީ އިއްޔެ ވޯޓަ ސެލިއުޓްއެއް ދީފައެވެ.

އެމްއެސްސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލް އާއި އެމްއެސްސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޯޓުގެ ކެޕްޓަނަށް އެމްޕީއެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލާ އެރުވިއެވެ.

އެމްއެސްސީގެ ބޯޓުން އެންމެ ފުރަތަމަ ގެނައި 800 ކޮންޓޭނަރު ކަމަށާއި އޭގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވަޖީހް ވަނީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަން އިން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޖީހް ވިދާޅުވިއެވެ.

ވަޖީހު ވަނީ ވިޔަފާރިވެރިންނާއި ސަރުކާރުގެ އިދާތާރާތަކަށް ގެންނަ މުދާ ވީހާވެސް އަވަހަށް އެ ސަރަހައްދުން ގެންދިއުމަށް އެދިވަޑައިގަންނަވައިފައެވެ. އެކަމުން ފައިދާ ވާނީވެސް ރައްޔިތުންނަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ވެސް އެކަން ކޮށްދެއްވުން އެދެން . އެގޮތަށް ކޮށްދެވުނީ މަ މި ބޯޓުތައް އަވަސްކޮށްލެވޭނީ. ގާޖަ ނެތިއްޔާ ކިހިނެތް ކޮންޓޭނާތައް ބާލާނީ. މިތަނުގައި ބޯޓުތައް މިލިޔަން ޑޮލާސްތައް ހަރަދުވާނެ އިންގޭތޯ. އެހެންވެއްޖެއްޔާ ބޯޓު މިތަނުގައި ނުބޭއްވޭނެ. ބޯޓު ޖެހޭނީ ވިހާ އަވަހަކަށް ދޫކޮށްލަން،" ވަޖީހު ވިދާޅުވިއެވެ

ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަލީލް ވިދާޅުވީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމްޕީއެލްގެ ފަރާތުން ކަމަށެވެ. އަދި އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ މާކެޓް ރޭޓުން ބަލާކަމުގައިވާ ނަމަ، އޭގެ ބޯޓެއްގެ ޗަޓާޑް ރޭޓް އުޅޭނީ 10،000 އާއި 20،000 ދޭތެރޭގެ އަގެއް ދައްކަން ޖެހޭ ކަމަށެވެ.

"10 ތައުޒަން ޑޮލާސް ޓު 20 ތައުޒަން ޑޮލާސްއަށް. އެއި ދުވާލަކަށް ހަމައެކަނި ޗާޓަޑް ރޭޓް. މީގައި ދިމާވަނެ ދަތިތަކަކީ މީއްޗެހިތައް ދަތުރުކުރާނީ ޝެޑިއުލްއަކަށް. ދެން ދާންޖެހޭ ބަނދަރަކަށް ވެސް ވިންޑޯ ބާތެއް ހުންނާނެ. ދެން ދާންޖެހޭ ދަތުރު ތަކަށްވެސް ބާތިން ޝެޑިއުލްއެއް އިންނާނެ. ރާއްޖޭގައި ގިނަ އިރުވެއްޖެ ކަމަށްވަންޏާ އެ ލަސްވާ ލަސްވުންތައް ރޫޓުތަކަށް ގެއްލުންތަކެއް އަންނާނެ،" އައިމަން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށްވެސް އަދި މުދާ ގެންނަ ބޯޓުތަކަށް ވެސް ގިނަ ދުވަހު އެއްތަނެއްގައި ބަނދަރުކޮށްފައި ބޭއްވުމަކީ ދަތިކަމަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.