ބިމުގެ އަޑީގައި ނޫން ގޮތަކަށް ނިއުކުލިއާ ޓެސްޓެއް ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާއަކުން މިހާރު މަނާކުރެވިފައިވާ ކަމެކެވެ. މީގެ 61 އަހަރު ކުރިން ވުޖޫދުކުރެވުނު މި މުއާހަދާގައި ދުނިޔޭގެ ގިނަ ގައުމުތަކުން ތިބީ ސޮއިއަޅައިގެންނެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ. އޭގެ މާނައަކީ ޖައްވާއި ކަނޑުގެ އަޑީގައި ނިއުކުލިއާ ހަތިޔާރެެއްގެ އަޖުމަބެލުން މުޅިން މަނާވުމެވެ. މި މުއާހަދާ ވުޖޫދުކުރެވުނު ފަހުން ހަތަރު ގައުމަކުން ނިއުކުލިއާ ޓެސްޓްކޮށްފިއެވެ. އެ ހުރިހާ ގައުމަކުންވެސް މި ޓެސްޓުތައް ކޮށްފައިވަނީ ބިމުގެ އަޑީގައެވެ. އިތުރު އެހެން ބަޔަކު ނިއުކުލިއާ ޓެސްޓެއް ކުރިޔަސް އެކަމެއް ކުރާނެ ކަމަށް ބެލެވެނީ ބިމުގެ އަޑީގައެވެ. ބިމުގެ އަޑީގައި ކުރިއަސް އަދި އެހެން ތަނެއްގައި ކުރިޔަސް ނިއުކުލިއާ ޓެސްޓަކީ ސިއްރު ކުރެވޭ ކަމެއް ނޫނެވެ. ބިމުގެ އަޑީގައި ކުރިއަސް ބިންގަނޑަށް އަރާ ލޮޅުންތައް ދުނިޔޭގެ އެތައްމިތަނުގައިވާ ޚާއްސަ އާލާތްތަކުން ރިކޯޑް ކުރާނެއެވެ. ކުރެއެވެ.
ބިންގަނޑަށް އެރި ލޮޅުމުގެ ބާރުމިން ތަހުލީލުކޮށް އެއީ ގުދުރަތީ ބިންހެލުމެއްތޯ ނުވަތަ އެހެންކަހަލަ ހެލުމެއްގެ އަސަރުތޯ ސައިންސްވެރިން ބަލައެވެ. އެގޮތުން މިހާތަނަށް ނިއުކުލިއާ އެއްވެސް ޓެސްޓެއް ވަންހަނާވެފައެއް ނެތެވެ. އުތުރު ކޮރެޔާގެ ޓެސްޓުތައް ތިލަވީވެސް އެގޮތުންނެވެ. އިންޑިޔާއާއި ޕާކިސްތާނުގެ ޓެސްޓުތައްވެސް ހާމަވެގެންދިޔައީ އެގޮތުންނެވެ. އަލަށް ނިއުކުލިއާ ހަތިޔާރު އުފެއްދުމަށް މިހާރު އެންމެ ބޮޑަށް މަސައްކަތްކޮށް ނިއުކުލިއާ ޕްރޮގްރާމް އެންމެ ބޮޑަށް ކުރިއަށް ގެންގޮސްފައިވާ ގައުމަކީ އީރާނެވެ. އީރާނަކީ އާއްމުކޮށް ބޮޑެތި ބިންހެލުންތައް އަންނަ ސަރަހައްދެއްގައިވާ ގައުމެކެވެ. އެކަން އެހެން އޮތަސް އީރާނުގެ އެއްވެސް ހިސާބެއްގެ ބިންގަނޑަށް އާދަޔާ ހިލާފު އެއްވެސް ގުޑުމެއްއަރާތޯ ބެލުމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ތަޖުރިބާކާރުން ތިބެނީ ފާރައަށެވެ. މިހެން ތިއްބައި މި ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ އީރާނަށް ލޮޅުމެއް އަރައިފިއެވެ. މި ލޮޅުންތަކުގެ އަސްލު ހުރީ ސިމްނާން ޕްރޮވިންސްގެ އަރަދާން ސިޓީއާ ވަރަށް ގާތުގައެވެ.
މި ހިސާބަކީ އީރާނުގައި ޔުރޭނިއަމް ފައްކާކުރުމުގެ އެންމެ ބޮޑު މަރުކަޒު ކަމުގައިވާ ނަތާންޒާ ނުހަނު ގާތުގައިވާ ހިސާބެކެވެ. އަދި ވެރިރަށް ތެހެރާނާވެސް މާދުރުނޫން ހިސާބެކެވެ. ހޮނިހިރު ދުވަހުގެ ރޭ މާލޭ ގަޑިން ގާތްގަޑަކަށް އަށެއްޖެހިއިރު އެރި ލޮޅުންތަކުގެ ބާރުމިން ރިކްޓާ މިންގަނޑުން ދެއްކީ 4.5 ކަމުގައެވެ. ގުދުރަތީ ބިންހެލުމަކަށް ވަންޏާ އެއީ ހަމަވަރަށް އާދައިގެ ބާރުމިނެކެވެ. ނިއުކުލިއާ ޓެސްޓަކަށްވަންޏާ އަސްތައަސްތާއެވެ. ވަރަށްވެސް ބާރުގަދަ ޓެސްޓެކެވެ. ކޮންމެއަކަސް މި ލޮޅުމުގެ ވާހަކަ މި ވަގުތު މާގިނަ ބަޔަކު ނުދެއްކިއަސް ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ބަހުސްތަކެއް ފެށިގެން މިހާރު ދަނީ ކުރިއަށެވެ. މައުޟޫއަކީ މިއެވެ. އީރާނުން އެންމެފަހުން ނިއުކުލިއާ ޓެސްޓެއް ކުރީ ހެއްޔެވެ. ނުވަތަ ހޮނިހިރު ދުވަހުގެ ރޭ އައީ ބިންހެލުމެއް ހެއްޔެވެ. ތަޖުރިބާކާރުން ބެހިފައިވާ ކަމަށް ފެންނަނީ ދެ ބަޔަކަށެވެ. އެއްބަޔަކު ބުނަނީ ނިއުކުލިއާ ޓެސްޓެއް ކަމުގައެވެ. އަނެއްބަޔަކު ބުރަވަނީ ބިންހެލުމެއް ކަމުގައެވެ.
އީރާނަށް އެރި ލޮޅުންތަކުގެ އަސްލު ހުރިކަމަށްވަނީ ބިމުން ފެށިގެން ވަރަށް ފުނުގައެވެ. ނިއުކުލިއާ ޓެސްޓްތައް ބިމުގެ އަޑީގައި ކުރަނީ އާއްމުގޮތެއްގައި ތިންހަތަރު ކިލޯމީޓަރު އަޑީގައެވެ. ފުނުގައެވެ. އެކަމަށް ރިއާޔަތްކުރާއިރު އީރާނުގެ ހެލުން އެ ފުންމިނާ ދިމާވެއެވެ. އީރާނުން ނިއުކުލިއާ ޓެސްޓެއް ކުރީއޭ ބުނާ މީހުން ބޮޑަށް ބުރަވަނީ މި ނުކުތާއަށެވެ. ކޮންމެއަކަސް އީރާނުން މިކަމާމެދު އެއްޗެެއް ނުބުނެއެވެ. ދޮގުކޮށްފައިވެސް ވާހަކައެއް ނުދައްކައެވެ. މީގައި އަދި ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ އީރާނާއި ގާތްގަނޑަކަށް ސަތާރަސަތޭކަ ކިލޯމީޓަރު ދުރުގައިވާ އިޒްރޭލަށްވެސް މިފަހަރުގެ ގުޑުން އިހުސާސްކުރެވުމެވެ. އީރާނަށް މި ގުޑުން ނުވަތަ ލޮޅުން އެރިތާ އިރުކޮޅެއް ފަހުން އިޒްރޭލަށްވެސް މި ލޮޅުން ތަޖުރިބާ ކުރެވުނެވެ. އެކަމަކު އީރާނުގެ ތެރޭގައި ތިބި ބަޔަކަށް މިކަން އިހުސާސްވި މިންވަރަށްވުރެ މާބޮޑަށްވެސް ފަނޑުކޮށެވެ. ކުޑަކޮށެވެ. އިޒްރޭލަށް މި ކަންވީ ހަގީގީ ޒަލްޒަލާ އަކަށެވެ.
އީރާނުން ނިއުކުލިއާ ހަތިޔާރު އުފައްދަފާނެތީ އެންމެ ބޮޑަށް ބިރުގަނެ ހާސްވެގެންއުޅެނީ އިޒްރޭލް ކަމަށްވާތީ މި ލޮޅުންތަކާމެދު މިހާރު އެންމެ ކަންބޮޑުވެގެން އުޅެނީ އިޒްރޭލުންނެވެ. އިޒްރޭލުގެ ތެރޭގައި މިވާހަކަ މިހާރު ވަރަށް ބޮޑެވެ. މި ހިސާބުން ދެން އުފެދޭ ސުވާލަކީ ނިއުކުލިއާ ބޮން އުފެއްދޭ ވަރަށް އީރާނުގައި ޔުރޭނިއަމް ފައްކާކުރެވޭ ހެއްޔެވެ. މީގެ ދޮޅުއަހަރު ކުރިން އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާ އިން ބުނެފައިވަނީ އެ ހިސާބަށް ވާސިލުވުމާ ވަރަށް ކައިރިއަށް އީރާނުގެ ނިއުކުލިއާ ޕްރޮގްރާމް ކުރިއަށް ޖައްސާފައިވާ ކަމުގައެވެ. އީރާނުގެ ނިއުކުލިއާ ޕްރޮގްރާމުގެ ބޮޑުބައެއް ކުރިއަށް ގެންދަނީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާއަށް ސިއްރުންނެވެ. އެހެންވީމާ އީރާނު މިހާރު އޮތީ ކިހާހިސާބެއްގައިކަން ކަށަވަރުކަމާއެކު ބުނަން އެއްވެސް ބަޔަކަށް ނޭނގެއެވެ. މި އަހަރުގެ ކުރީކޮޅު ތަޖުރިބާކާރުން ލަފާކޮށްފައިވަނީ ފަސްބޮން އުފެއްދޭވަރަށް އީރާނުގައި މިހާރު ފައްކާކުރި ޔުރޭނިއަމް ހުންނާނެ ކަމުގައެވެ.
އީރާނުން ވަރަށް ފަހަކާ ހަމައަށްވެސް ބުނަމުން އައީ އެ ގައުމުގެ ނިއުކުލިއާ ޕްރޮގްރާމަކީ ހަކަތަ އުފެއްދުމާ ގުޅިފައިވާ ސުލްހަވެރި ޕްރޮގްރާމެއް ކަމުގައެވެ. ނިއުކުލިއާ ބޮން އުފެއްދުމުގެ ނިޔަތެެއް ނެތްކަމުގައެވެ. އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތު ﷲ ޚުމައިނީ ވަނީ ނިއުކުލިއާ ހަތިޔާރު އުފެެއްދުން އީރާނަށް މަނާވެސް ކުރައްވައިފައެވެ. އެކަމަކު ފަހަކަށްއައިސް އީރާނުގެ ބަސްމަގަށް ހިސާބެއްގެ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް އީރާނާ ދެކޮޅަށް އެކިސިފަސިފައިގައި އިޒްރޭލުން ހިންގާ އުދުވާނީ ހަރަކާތްތައް ގިނަވުމާ ގުޅިގެންނެވެ. އީރާނުން ބުނެއެވެ. ކުރިމަތިކުރަމުންދާ ބިރުދެއްކުންތަކަށް ރައްދުދީ އީރާނުގެ އިސްތިގުލާލް ދެމެހެއްޓެން އޮތީ ނިއުކުލިއާ ސިޔާސަތު ބަދަލުކޮށްގެން ކަމަށްވަންޏާ އެކަންވެސް ކުރަންޖެހިދާނެއެވެ. މިއީ މި އަހަރުގެ ކުރީކޮޅު ބުނެފައިވާ ވާހަކައެކެވެ. ކޮންމެއަކަސް މި ކަންކަން މިހެން ހުރީމާ އީރާނުން ނިއުކުލިއާ ޓެސްޓެއް ނުކުރެއޭ ނުވެސްކުރާނެޔޭ ބުނަން މިހާރު ފަސޭހައެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު