މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގައި ބޭނުންކުރާ ޑޮޕްލާ ވެދާ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފިއެވެ.

އެ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރާ ފަދަ އެންމެފަހުގެ ޓެކްނޮލޮޖީގެ ބޭނުންކުރާ ރާޑަރެކެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ރާޑަރު ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މެޓް އޮފީހުން ބުނީ, އެ ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށެވެ.

އެގޮތުން ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި ވާރޭވެހެމުންދާ ބޯމިނާއި ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުން އަންނަ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލައިލެވި, ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާކުރެވޭ ވަގުތު ދެނެގަނެވޭނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ, މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށެވެ.

އެހެންކަމުން މި ރާޑަރު ގިނަ ދުވަސްތަކަށް ބޭނުންކުރެވޭ ގޮތަށް މަރާމާތުކުރުމާއި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރާޑަރު ގިނަ ބަހައްޓައި މޫސުން ބެލުމާއި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.