މިދިޔަ މަހުގެ 12 އިން ފެށިގެން 30 ގެ ނިޔަލަށް 6،693 އުޅަނދު ބަލައި ފާސްކޮށް 482 އުޅަނދަކަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފުލުހުން ވަނީ އެ މުއްދަތުގެ ތެރޭގައި 1،266 ކާރު އަދި 5،427 ސައިކަލް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން 88 ކާރަކަށް އަދި 394 ސައިކަލަކަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ. އޭގައިވާގޮތުން ފުލުހުން ވަނީ ލައިސަންސްނެތި ސައިކަލް ދުއްވި 102 މީހަކަށާއި ލައިސަންސް ނެތި ކާރު ދުއްވި 10 މީހަކަށް ފިޔަވަޅު އަޅައިފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން 20 ސައިކަލެއް ފުލުހުން ޓޯކުރި އިރު ސައިކަލް ދުއްވި 430 މީހަކަށް އަދި ކާރު ދުއްވި 85 މީހަކަށް ފުލުހުން ވަނީ ނޭސަހަތްދީފައެވެ. ނުރައްކާތެރިކޮށް ސައިކަލް ދުއްވައިގެން 40 މީހަކަށާއި ނުރައްކާތެރިކޮށް ކާރު ދުއްވި ތިން މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޓްރެފިކް ގަވާއިދާހިލާފުވުމުގެ ސަބަބުން ފުލުހުން ވަނީ ސައިކަލް ދުއްވި 148 މީހަކަށާއި ކާރު ދުއްވި 34 މީހަކަށް ފިޔަވަޅު އަޅައިފައެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުގައި އަމާންކަން ކަށަވަރުކުރުމުގެ ގޮތުން ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ފުލުހުން ގިނަކޮށް، އަދި ޓްރެފިކް ބެލެހެއްޓުން ވަނީ އިތުރުކޮށްފައެވެ.

އެފަދަ އޮޕަރޭޝަނެއް ފުލުހުން ފެށީ މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގުމާ ގުޅިގެންނެވެ.