ރައީސް، ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަކުރުމަށް މުހިންމު ދަތުރުފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ އެއްބާރުލުމަކީ ދެގައުމުގެ ހަމަޖެހުމަށް މުހިންމު ކަމެއްގެ އިތުރުން އެއީ އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ. ދެގައުމުގެ ގުޅުން ވަރުގަދަވުމުގެ ސަބަބުން އިޖުތިމާއީ ކުރިއެރުންތައް ވެސް ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ޝައްކެއް ނެތް ގޮތުގައި، މި ދަތުރަކީ އިންޑިއާގެ ބޮޑުވަޒީރާ މަޝްވަރާކޮށް ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބޭނުންވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަކުރުމަށް ރައީސް އިސްވެ މަސައްކަތް ކުރެއްވުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް، އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް އޮފީހުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ މި ދަތުރުފުޅުގައި ރައީސް އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމު އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ އިއްޔެ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ނިއުދިއްލީއަކީ މުހިންމު ހަބަކަށް ހައްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ދިވެހީންނަށް ފައިދާވާ ކަންތައްތަކެއް ކުރިއަށްއޮތް ދެތިން ދުވަހު ފަހިވެގެންދާނެ ކަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިއްޔެ ވިދާޅުވެފައިވަނީ އިންޑިއާއާއެކު ވަރުގަދަ ގުޅުމެއް ބާއްވައި، ސަރަހައްދީ ހަމަޖެހުން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.

"އެހެން ގައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުންތަކުން އިންޑިއާގެ ސަލާމަތަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން އެބައޮތް. އިންޑިއާއާއެކު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ކަންބޮޑުވުންތައް މިހާރު ދެނެގަނެވިފައިވާ ކަމަށާއި ދެ ގައުމުން ދިފާއީ އެއްބާރުލުން ދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ތަރައްގީއަށް މަސައްކަތްކުރާނީ ދެ ގައުމުގެ ހިއްސާ އެކުލެވޭ ތަސައްވުރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔޭގެ ގޮންޖެހުންތަކެއް ހުރި މި ދުވަސްވަރު، ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ހުރިހާ ގައުމެއްގެ ސަލާމަތަށް ނުރައްކާ އޮންނާނެ. އެހެންކަމުން މި އެއްބާރުލުންތައް ކުރިއެރުވުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިހަފުތާގެ ބުރާސްފަތީގައެވެ.