މިދިޔަ ހަފުތާގެ އަންގާރަދުވަހުގެ ރޭ އީރާނުން އިޒްރޭލަށް ފޮނުވައިލި ވަރުގަދަ ވައިގެ ހަމަލާތަކަށްފަހު އިޒްރޭލުން ބުންޏެވެ. އަހަރެމެންގެ ވައިގެ ދިފާއީ ނިޒާމު މާވަރުގަދައެވެ. އީރާނުން ފޮނުވައިލި ގާތްގަޑަކަށް 180 މިސައިލް ޖައްވުގެ ތެރޭގައި ގޮއްވާލައިފީމެވެ. އެހެންވީމާ އަހަރެމެންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާކަމަށްވާ އެމެރިކާއިންވެސް ބުންޏެވެ. އީރާނުގެ ހަމަލަޔަކީ އެއްވެސް ބާރެއްނެތް ބޭކާރު ހަމަލާއެކެވެ. އެދެގައުމުން އެދައްކަނީ ތެދުވާހަކައެއްތޯ ބަލައިލަމާބަހީއެވެ. އެއީ ހަގީގަތުގައި އެކަންއޮތްގޮތް ބާވައެވެ. އީރާނުގެ ކިބައިން ބަދަލުހިފާނަމޭ ބުނެ އެކިވަރުވަރުގެ އިންޒާރު އިޒްރޭލުން ދެމުން ގެންދާއިރު މިކަމާބެހޭގޮތުން މިހާތަނަށް ލިބެންހުރި މައުލޫމާތުން ކަށަވަރުވަނީ އިޒްރޭލުން ހަދަނީ ދޮގުކަމެވެ. ހަގީގަތާ އެއްގޮތަށް އިޒްރޭލުން ވާހަކަ ނުދައްކާކަމެވެ. އީރާނުގެ ހަމަލަ ނާކާމިޔާބުކޮށްލެވުނުކަމަށްވީނަމަ އިޒްރޭލުގެ އާރާއިބާރު ދެއްކުމަށް މިހާރު ވާނީ އީރާނަށް ރައްދު ހަމަލަތަކެއް ދީފައެވެ.
ހަމަލަނުދީ ދެން ހަދަންވީ އެއްޗަކާމެދު ވިސްނަން އެތިބީ ކަމެއްވެގެންނެވެ. މާބޮޑަށްވެސް ބިރުގަތީއެވެ. ބިރުގަންނަވަރުވީއެވެ. ދިގުދެމިގެންދާ ބީދަޔަކުން ހަމަލަދޭން ފަށައިފިނަމަ އޭގެ ގެއްލުމާއި ހަލާކު ބޮޑުވާނީ އިޒްރޭލަށްކަން ކަށަވަރުވީއެވެ. ސެޓެލައިޓް ފޮޓޯތަކުންނާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގޭގޮތުގައި އިޒްރޭލުގެ ދެކުނުގައިވާ ނެވާޓިމް އަސްކަރީ ވައިގެ މަރުކަޒަށް އީރާނުގެ މިސައިލަކަށްފަހު މިސައިލެއް ވަނީ އަރައިފައެވެ. ބައެއްކަހަލަ ގޮވުންތައް އެތަނުގައިވަނީ ގޮވައިފައެވެ. އެހެންވީމާ ތިމަންނާމެންގެ ދަގަނޑު ގުއްބޭ ކިޔުނު ވައިގެ ދިފާއީ ނިޒާމާއި ދުންޏޭ ކިޔުނު ވައިގެ ދިފާއީ ނިޒާމުގެ މޮޅުކަމުން އީރާނުގެ ހަމަލަތައް ނާކާމިޔާބުކޮށްލައިފީމޭ ބުންޏަކަސް އެކަން ހިނގީ އަދިއެހެނަކުން ނޫންކަން ސާބިތުވެއެވެ. ސެޓެލައިޓް ފޮޓޯތައް ދިރާސާކުރުމަށްފަހު ތަޖުރިބާކާރުން އެއްބަސްވަނީ މިދެންނެވި އަސްކަރީ މަރުކަޒަށް މަދުވެގެން ބައްތިރީސް މިސައިލް އަމާޒުވެފައިވާ ކަމެވެ.
އެކަމަކު ހައިރާންކުރުވަނިވި ގޮތަކަށް މާވަރުގަދަ ގެއްލުންތަކެއް ލިބިފައެއް ނެތެވެ. އިޒްރޭލުގެ ވައިގެ ސިފައިންގެ ފަޚުރުކަމަށް ބުނާ އެފް-35 މަރުކާގެ ފައިޓަރ ޖެޓްތައް ބަހައްޓާފައިވާ ތަންތަނުގެ ކައިރިއަށްވެސް މިސައިލްތައް އަރާފައިވެއެވެ. އެކަމަކު ބިންމަތީގައިވާ ޖެޓެއް ހަލާކުވިކަމަކަށް ނުދައްކައެވެ. މިކަމުން އެނގެނީ އީރާނުގެ މަގްސަދަކީ މާބޮޑު ގެއްލުމެއް ދިނުން ނޫންކަމާއި އީރާން ބޭނުންވެއްޖެނަމަ ބޭނުންތާކަށް ހަމަލަދެވިދާނެކަން އިޒްރޭލަށް ވިސްނައިދިނުން ކަމެވެ. އިޒްރޭލުން އެންމެ ވަރުގަދަޔަށް ހިމާޔަތްކުރާ އަސްކަރީ މަރުކަޒަކަށް ބައްތިރީސް މިސައިލް އަމާޒުކުރެވުނު ބަޔަކަށް އަދިއެއަށްވުރެ މާބޮޑު ގެއްލުންތަކެެއްވެސް ދެވިދާނެއެވެ. އިޒްރޭލުގެ ޓެލަވީވާއި ހައިފާ ކަހަލަ ތަންތަނުގައިވާ ކާރުޚާނާތަކަށް ހަމަލަދޭން އަދިމާފަސޭހަވެސް ވާނެއެވެ. ޚާއްސަކޮށް ތެޔޮސާފުކުރާ ތަންތަނަށެވެ. އެކަމުން ލިބޭ ގެއްލުންތައް މާބޮޑުވެސް ވާނެއެވެ. އެކަންނުކޮށް އީރާނުން ބަލާފައިމިވަނީ އިޒްރޭލަށް މެސެޖެއް ދިނުމަށެވެ. އީރާނާ ކުޅެން އުޅުމުގެ ނުރައްކާ ބުނެދިނުމަށެވެ.
އިޒްރޭލަށް މިވަގުތު މާބޮޑު ގެއްލުމެއް ދިނުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭކަން މި ހަމަލައިން އެނގިއްޖެއެވެ. އީރާން ބޭނުންވާ ވަގުތަކު ބޭނުންވާ ތަނަކަށް ހަމަލަދެވިދާނެކަން ސާބިތުކޮށްދެވިއްޖެއެވެ. އަސްކަރީ ވައިގެ މަރުކަޒުތަކަކީ ހަމަލަދޭން އެންމެ އުނދަގޫ ތަންތަނެވެ. އެއިން ތަނަކަށް ދެވޭ ހަމަލައިން މާކަގިނަބަޔަކު މަރެއްވެސް ނުވާނެއެވެ. ގިނަބަޔަކު ދުނިޔެއިން ނައްތައިލަންޏާ ހަމަލަ އަމާޒުކުރަންޖެހޭނީ މަދަނީ ތަންތަނަށެވެ. ކާރުޚާނާތަކަށެވެ. އީރާނުން އެކަހަލަ ތަނަކަށް ހަމަލައެއް ނުދެއެވެ. ނުދެވިގެނެއް ނޫނެވެ. ގަސްތުގައި ނުދިނީއެވެ. ދެންއޮތީ ޚަރަދުގެ މައްސަލައެވެ. އީރާނުގެ މިސައިލްތައް ވައިގެތެރޭގައި ގޮއްވައިލުމަށް ބޭނުންކުރަން ޖެހެނީވެސް ރޮކެޓާއި މިސައިލެވެ. އެއީ ވަރަށް އަގުބޮޑު އެއްޗެކެވެ. އެއީ ފޫނެތްތާކުން ނަގާ އެއްޗެއްވެސް ނޫނެވެ. ދިގުދެމިގެންދާ ބީދަޔަކުން މިދެފަރާތުން ދެފަރާތަށް ހަމަލަދެންޏާ އިޒްރޭލުގައި އެޒާތުގެ ހަތިޔާރު މަދުވެ ދިފާއީ އައްޑަނަ ތުނިވާގޮތްވާނެއެވެ. އެގޮތަށް ތުނިވާ ތުނިވުމަކީ އީރާނަށް ނުހަނު ބޮޑު އެޑްވާންޓޭޖެކެވެ.
އިޒްރޭލާ ދެކޮޅަށް އީރާނުން އެންމެފަހުން ބޭނުންކުރީ ހައިޕަރސޮނިކް މިސައިލެވެ. އަަޑަށްވުރެ އެތައް ގުނަ ބާރު ސްޕީޑްގައި ދަތުރުކުރާ މިސައިލެވެ. އެއިން އެއްޗެއް އުދުއްސައިލާތާ ދިހަވަރަކަށް ބާރަވަރަކަށް މިނިޓްތެރޭގައި އަމާޒަށް ވާސިލްވެވޭ ޒާތުގެ ޒަމާނީ މިސައިލެވެ. އެއީ ހައްތާވެސް އީރާނުން އަމިއްލަައަށް އުފައްދާ ތަކެއްޗެވެ. ގިނަ އަދަދަކަށް އުފައްދައި ގުދަންކޮށްފައި އެބަހުއްޓެވެ. ފަރުބަދަތަކުގެ އަޑީގައިވާ ރައްކާތެރި ތަންތަނުގައެވެ. އެހެންވީމާ ދިގު މުއްދަތަކަށް މިސައިލުން ޓީޓީ ކުޅެވޭހާ ގާބިލްކަން އީރާނުގެ ކިބައިގައި އެބަހުއްޓެވެ. އެކަން ޔަގީނެވެ. އެ ގާބިލްކަން ނެތިއްޔާ ނެތީ އިޒްރޭލުގައެވެ. މިކަމުގެ ތެރެއަށް އެމެރިކާ ވަންނަންޖެހޭ ގޮތަކީ އެއީއެވެ. އިޒްރޭލް ބަލިވާކަަށް އެމެރިކާ ބޭނުމެއް ނުވާނެއެވެ. ނުވެއެވެ. އެގޮތް ނޭދެންޏާ ދެންއޮތީ އީރާނާ ދެކޮޅަށް އެމެރިކާ ތެދުވެގަތުމެވެ. ހަގުރާމަކުރުމެވެ. މިވަގުތު ފެންނަގޮތުން އީރާނާ ދެކޮޅަށް ސީދާ ހަގުރާމައެއްކުރުމަކީ އެމެރިކާ އެދިގެންއޮތް ގޮތެެއް ނޫނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އެބަބުނެއެވެ. އީރާނުގެ ކިބައިން ބަދަލު ހިފާނަމެވެ. ރައްދުދޭނަމެވެ. އިޒްރޭލުގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ މާޒީއަށް ބަލާއިރު އެހެން ބުނެފައި ކަމެއްނުކޮށް ހިމޭނުން އޮތުމަކީ އެމީހުންނަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވީމާ ކޮންމެވެސް ކަމެއް ކުރުން ގާތެވެ. މިހަފުތާގެ ހޯމަދުވަހަކީ އޮކްޓޫބަރު ހަތްވަނަ ދުވަހެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލަޔަށް އެއްއަހަރު ފުރޭ ދުވަހެވެ. އެދުވަހާ ދިމާކޮށް އިޒްރޭލުން އީރާނަށް ހަމަލަދީފާނެ ބާވައެވެ. ދީފާނެއެވެ. ދޭނީ ކޮންކަހަލަ ހަމަލައެއް ބާވައެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒަކަށް ނުވަތަ މިސައިލް އުފައްދާ ތަނަކަށް ހަމަލަދީފާނެއެވެ. އިންގިލާބީ ގާޑުންގެ މަރުކަޒަކަށްވެސް ހަމަލަދީފާނެއެވެ. މިޒާތުގެ އެއްވެސް ތަނަކަށް ހަމަލަދިނުމަކީ ރަތްރޮގު ހުރަސްކުރުމެއް ކަމަށް އީރާން ވަނީ ބުނެފައެވެ. އެ ރޮނގު ހުރަސްކޮށްފިއްޔާ އީރާނުން ރައްދުދޭނީ އިޒްރޭލް މިހާތަނަށް ތަޖުރިބާނުކުރާ ގޮތަކަށްކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައެވެ. މާނަޔަކީ އިޒްރޭލުގެ އިންފްރާސްޓްރަކްޗަރއާއި މަދަނީ އަމާޒުތަކަށް ހަމަލާދިނުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ