މޯލްޑިވިއަން އިން ކުރި ދަތުރުތަކަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަންގެ ތެރެއިން އެއް މިލިއަން ދެއްކުމުން އައިލެންޑް އޭވިއޭޝަނުން ދައުވާ އަބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ، މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީގެ ބޭނުމަށް މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގައި، ދަތުރު ކުރުމަށް ޗާޓާ ފްލައިޓް އަދި ޝެޑިއުލް ފްލައިޓްތަކުން ކްރެޑިޓް އުސޫލުން ނަގާފައިވާ ޓިކެޓްތަކަށް ނުދައްކާވާ 5.6 މިލިޔަން ރުފިޔާ ނަގައިދިނުމަށް އެދި އައިލެންޑް އޭވިއޭޝަނުން މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

އެމްޑީޕީން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ އާއި އެމްޑީޕީން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ސީދާ ގޮތުން އަދި ނުސީދާ ގޮތުން ލިބިފައިވާ ގެއްލުމަށް އަދުލުވެރި ބަދަލެއް ހަތް ދުވަހުގެ ތެރޭގައި ނަގައި ދިނުމަށް މި މައްސަލައިގައި އައިލެންޑް އޭވިއޭޝަނުން ވަނީ ކޯޓުގައި އެދިފައެވެ.

ނަމަވެސް މި މައްސަލައިގައި ދެ ފަރާތުން މަޝްވަރާކުރުމަށްފަހު މިދިޔަ ޖޫން މަހުގެ 13 ގައި އެ ފައިސާ ދެއްކުމާ ބެހޭގޮތުން އެއްބަސްވުމެއް ހެދިއެވެ.

އެއްބަސްވުމުގައި ބުނާގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ފުރަތަމަ އިންސްޓޯލްމަންޓްގެ ދަށުން އެއް މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން އެފައިސާ ދެއްކުމަށްފަހު، ސެޓްލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ނުވަތަ އެއާ ހިލާފުވެއްޖެ ނަމަ، އަލުން މި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް މައްސަލަ ނަގައިދިނުމަށް ވަނީ އެދިފައެވެ.

އެ ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ އެއްބަސްވެފައެވެ.

އެހެންކަމުން އައިލެންޝް އޭވިއޭޝަނުން އެދިފައިވާ ގޮތަށް މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެހެން މި މައްސަލައިގެ ދައުވާފޯމް ބާތިލް ކުރި ކަމަށް މިއަދު ސިވިލް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ.