ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ބަލަހައްޓާ ޖެންޑާ މިނިސްޓްރީގެ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ މަގާމުން ވަކިވާން މަޖުބޫރު ކުރުވި ކަމަށް އޭނާ ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ޝޫޖާ، ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރައްވާރާ ވަނީ 17 އަހަރުވެފައެވެ. އޭނާ، އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރު ފެށިގެންނެވެ. ފުރަތަމަ ވަޒީފާއަށް ވަނީ ޓްރެއިނީއެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ޝޫޒާ ވިދާޅުވަނީ މިނިސްޓްރީން ވަނީ އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އަޅައިފައި ކަމަށެވެ. އަދި ވަނީ އޭނާގެ މަގާމު ދަށްކޮށްފައި ކަމަށް ޝޫޒާ ބުނެއެވެ.

"ޑިސެމްބަރު 2023 އާ ހަމައަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އަޅުގަނޑު ކުރަމުން އައި ހުރިހާ މަސައްކަތެއް އަޅުގަނޑު އަތުން އަތުލައި، މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސް ވެރިންގެ މީޓިން ތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އަޅުގަނޑު ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައި،" ޝޫޒާ ވިދާޅުވިއެވެ.

"އެއްވެސް އުޒުރެއް ނެތި، އެއްވެސް ސަބަބެއް ނުދައްކައި، ވީ ގޮތެއް ނޭނގިގެން މި ކަންތައް ސާފުކުރަން އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓު ކުރިން، އެޕޮއިންޓްމަންޓެއް ވެސް ނުދިން."

ޝޫޒާ ވިދާޅުވީ ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރެއްވީ ވަރަށް ކުރާހިތުން އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވާނެ ކަމަށް ޝޫޒާ ވިދާޅުވިއެވެ.

ކުޑަކުދިންނާއި އުމުރުން ދޮށީ މީހުންނާއި އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭ ޖެންޑާ މިނިސްޓްރީން ވަނީ އޭނާގެ ހައްގުތައް ނިގުޅައިގަނެ، ނަފުސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައި ކަމަށް ޝޫޒާ ވިދާޅުވިއެވެ.

ޝޫޒާގެ އެ ވާހަކަތަކާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން، ފޯނަށް ޖަވާބުދީފައިނުވާތީ މިނިސްޓްރީގެ ފަރާތުން އެކަމުގައި ބަހެއް ލިބިފައިނުވެއެވެ.