މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކްގެ އެކްސް އެކައުންޓަށް ނުވަދެވޭ ގޮތް އިންޑިއާ އިން ހަދައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒާކިރް ނައިކްގެ އެކްސްގެ އެކައުންޓަށް ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފައިވަނީ ޕާކިސްތާން ސަރުކާރުގެ ރަސްމީ ދައުވަތަކަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެ ގައުމަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ޒާކިރް ނައިކް ޕާކިސްތާނަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ޒާކިރް ނައިކަށް ޕާކިސްތާނުން ހޫނު މަރުހަބާއެއް ކިޔުމާއި ގުޅިގެން އެކަން ކުށްވެރިކޮށްފައެވެ. އަދި ޒާކިރް ނައިކް ޕާކިސްތާނަށް ވަޑައިގަންފައިވަނީ ކޮން ގައުމެއްގެ ޕާސްޕޯޓެއްގައި ކަމާމެދު ވަނީ ސުވާލު އުފައްދައިފައެވެ.