ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބެއްވި ހަފުލާއެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ އެއްބަސްވުމުގެ ދަށުން ވޭސްޓް މެނޭޖުމަންޓް ސެންޓަރު ހަދަން ނިންމާފައިވަނީ އެއް ހެކްޓަރުގެ ބިމެއްގައެވެ.

އެ ހަފުލާގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިހާރު ހުޅުމާލޭގައި ކުނި ނައްތާލަނީ އެންމެ ރައްކާތެރި ގޮތަކަށް ނޫން ކަމަށާއި ހުޅުމާލޭގައި މިހާރު ގާއިމުކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މޫދާ ކައިރިން ހަދާ ތަނެއް ކަމަށް ވުމުން ވެމްކޯގެ ކުނި މެނޭޖުކުރާ ފަރާތްތަކަށް އެ ކުންފުނީގެ އުޅަނދުތައް އަރުވައި ބޭލުމުގައި ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.

"މިއަދުން މިއަދަށް އެތަން ޑިޒައިންކުރުމުގެ މަސައަކަތް ފެއްޓިގެންދާނެ. ޑިޒައިންކޮށް ނިމި މަސައްކަތް ފައްޓާތާ 18 މަސް ދުވަހުގެތެރޭގައި ވޭސްޓް ޓްރާންސްފާ ފެސިލިޓީ ހެދިގެންދާނެ. ފަންޑުވެސް ލިބިފައިވަނީ، އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ އެހީގައި އޭޑީޖީއާ އެކީގައި ހޯދިފައި އޮތް ފަންޑެއް. މަސައްކަތް ނިމޭއިރު ލަފާކުރެވެނީ 13 މިލިއަން ޑޮލަރު ހަރަދުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ހަފުލާގައި ފަޒުލް ވިދާޅުވީ ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ފެސިލިޓީ ހަދަން ހުއްދަ ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގެ މިހާރުގެ ކުނި މެނޭޖުކުރާ ތަނަކީ ކުޑަ ތަނަކަށް ވުމުންނާއެކު ހުޅުމާލެ ކުރިއަށްއޮތް ތަނުގައި ތަރައްގީވާނެ މިންވަރަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ވެމްކޯއަށް ދީފައި ހުރި ޖަގައަކީ 5000 އާއި 10،000 ދޭތެރޭގެ އަކަފޫޓު. އެތަނުގައި މުޅި ހުޅުމާލެގެ ޑިވެލޮޕްމަންޓަށްވިޔަސް މައިގަނޑުގޮތެއްގައި ވެސްޓް މެނޭޖުކުރެވެމުން މި އަންނަނީ. ދޭތެރެއެއް ހާވައިގެންވިޔަސް ތަންތަން ރީލޮކޭޓު ކޮށްގެންވިޔަސް ގާއިމުކުރަންޖެހޭ ވަސީލަތެއް ވެމްކޯގެ ވަސީލަތަކީ. މިގޮތުން އެއް ލައްކަ އަކަފޫޓު އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލުކުރީ އެންވަޔަރަމަންޓް މިނިސްޓްރީން ވެމްކޯއާ ހަވާލުކުރުމުގެ ބައި ވެމްކޯއާ ހަވާލުކުރުމަށްޓަކައި،" ފަޒުލް ވިދާޅުވީއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ހުޅުމާލޭ ތަރައްްގީވަމުން އަންނަ އައުމާއެކު އެތަނުގައި ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތަކަކީ ހަރުދަނާވެފައި ހުރި ވަސީލަތްތަކެއް ކަމުގައި ވާންޖެހޭނެ ކަމަށާއި އެ ކުރިއެރުމަކީ ރައްޔިތުންނަށް ގެންނަ ކުރިއެރުމެއް ކަމަށެވެ. އަދި އެތަނުގެ ޑިޒައިން ކުރިއަށްގެންދަނީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.