މުހިންމު މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:30 އާ ދެމެދު މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިފައެވެ.