އީރާނުން ވަނީ ރޭ ދަންވަރު އިޒްރޭލާ ދެކޮޅަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ މިއަހަރުގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް އީރާނުން މިގޮތަށް ދިން ދެވަނަ ހަމަލައެވެ. ފުރަތަމަ ހަމަލަދިނީ މިއަހަރުގެ އެޕްރީލްމަހުއެވެ. މިފަހަރުގެ ހަމަލައިގައި މަދުވެގެން ގާތްގަޑަކަށް 180 މިސައިލް ފޮނުވައިލިކަމަށް ވަނީ ގަބޫލުކުރެވިފައެވެ. އަދަދުތަކަށް ބަލާއިރު ކުރީފަހަރަށްވުރެ މިފަހަރުގެ ހަމަލާ ވަރުގަދަވެފައި ބޮޑެވެ. އީރާނުގެ އިންގިލާބީ ގާޑުން ބުނާގޮތުގައި މިފަހަރުގެ ހަމަލާގައި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލް ވަނީ ބޭނުންކުރެވިފައެވެ. މިއީ މިވައްތަރުގެ މިސައިލް އިޒްރޭލާ ދެކޮޅަށް އީރާނުން ބޭނުންކުރި ފުރަތަމަ ފަހަރެވެ. މި ހަމަލައިގައި އިޒްރޭލުގެ އަސްކަރިއްޔާގެ ތިން މަރުކަޒަކަށް މިސައިލް އަމާޒުކުރިކަމަށާއި މި ހަމަލާތަކުގެ 90 އިންސައްތަ ކާމިޔާބުކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އިޒްރޭލުގެ ބުނުން ވަރަށް ތަފާތެވެ. އިޒްރޭލުން ބުނަނީ އެގައުމުގެ މެދުތެރެޔާއި ދެކުނުބިތުގެ ބައެއް ތަންތަނަށް މަދު މިސައިލްތަކެއް އެރިކަމަށާއި ގިނަ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައިވާ ކަމުގައެވެ.

އިޒްރޭލުގެ ބޮޑެތި ސަހަރުތަކުގެ ތެރެއިން ޓެލަވީވާއި ގުދުސްގައިތިބި ނޫސްވެރިން ރިޕޯޓްކޮށްފައިވަނީ އެސަހަރުތަކުގެ މަތިން އަލިފާނުގެ ކުޅިވަރު ވަރަށް ބޮޑަށް ފެނުނުކަމަށާއި އެއީ އީރާނުގެ މިސައިލްތައް ޖައްވުގެ ތެރޭގައި ގޮއްވައިލުމުގެ ނަތީޖާކަމަށް ހީކުރެވޭ ކަމުގައެވެ. އިޒްރޭލުގެ ވައިގެ ދިފާއީ ބާރުތަކުން އީރާނުގެ ގިނަ މިސައިލްތައް ވައިގެތެރޭގައި ގޮއްވާލާފައިވާ ކަމުގައެވެ. އީރާނުގެ މިސައިލްތަކުން ލިބުނު ގެއްލުންތަކާބެހޭ މާބޮޑު އެއްޗެއް އަދި ނޭނގެއެވެ. އަމިއްލަ ފަރާތްތަކުންވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދެއެވެ.

އީރާނުގެ ހަމަލަތަކުގެ ފަހަތުގައި ތިބީ އެގައުމުގެ އިންގިލާބީ ގާޑުންނެވެ. އެމީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާޔަކީ ހުސްވި ހަފުތާގައި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ދިން އުދުވާނީ ހަމަލައެއްގައި ހިޒްބު ﷲ ޖަމާއަތުގެ ލީޑަރު ޝައިޚް ހަސަން ނަސްރު ﷲ އާއި އީރާނުގެ އިންގިލާބީ ގާޑުންގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް އައްބާސް ނިލްފުރުޝާން ޝަހީދުކޮށްލާފައިވާތީ އެކަމުގެ ބަދަލުހިފުމެއް ކަމުގައެވެ. މީގެ އިތުރަށް މިއަހަރުގެ ޖުލައިމަހު އިޒްރޭލުގެ ޖާސޫސީ އިދާރާއިން އީރާނުގެ ވެރިރަށް ތެހެރާނުގައި ހިންގި އޮޕަރޭޝަނެއްގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި ކޮށްލުމުގެ ބަދަލުހިފުމަކީވެސް މިފަހަރުގެ ހަމަލާގެ އެއްމަގުސަދު ކަމަށް ބުނެފައިވެއެވެ. އީރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިފަހަރުގެ ހަމަލާ ލޯންޗުކުރުމަށް އިންގިލާބީ ގާޑުންނަށް އަމުރުކުރެެއްވީ އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީއެވެ.

އިޒްރޭލުގެ ވައިގެ ދިފާއާބެހޭ ނިޒާމަކީ ތަފާތު ތިން ހަތަރު ފަށަލައެއްގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. މިތަނުން އެއްފަށަލައަކީ އިޒްރޭލުގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ދަގަނޑު ގުއްބޭ ކިޔުނު ފަށަލައެވެ. މިއީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން ފޮނުވާ ކުރުރާސްތާގެ ރޮކެޓްތައް ވައިގެތެރޭގައި ގޮއްވައިލުމަށް ފަރުމާކުރެވިފައިވާ ފަށަލައެކެވެ. މިއަހަރުގެ އެޕްރީލް މަހު އީރާނުން ދިން ހަމަލައިގައި ބޭނުންކުރި މަދު މިސައިލްތަކެއް މި ފަށަލައިން ހުއްޓުވިއެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ އެންމެފަހުގެ ހަމަލަ މައިތިރިކުރުމުގައި ދަގަނޑު ގުއްބަކަށް މާބޮޑުކަމެއް ނުކުރެވުނު ކަމުގައެވެ. އެކަމަކު އެހެން ފަށަލަތައް ބަރާބަރަށް މަސައްކަތްކުރިކަމުގައެވެ. އެބުނާ ފަށަލަތަކުގެ ތެރެއިން އެއްފަށަލަޔަކީ ދާއޫދުގެ ސާޅަނގައޭ ކިޔުނު ފަށަލައެވެ. މިއީ ކުރުރާސްތާޔާއި މެދުރާސްތާގެ މިސައިލް ހުއްޓުވުމަށް އެމެރިކާޔާއި އިޒްރޭލް ގުޅިގެން އުފައްދާފައިވާ އެއްޗެކެވެ.

ދުނިޔޭގެ ވައިގެ ފަށަލައިން ބޭރުން ދަތުރުކޮށްފައިގޮސް އަމާޒަށް ވާސިލްވާ މިސައިލަކީ ދުރުރާސްތާގެ ބެލިސްޓިކް މިސައިލެވެ. އެފަދަ ހަތިޔާރާ ދެކޮޅަށް ބޭނުންކުރާ ފަށަލަޔަށް ކިޔަނީ ދުނި 2 އަދި ދުނި 3 އެވެ. ފަހުން ބަޔާންކުރެވުނު ދެ ފަށަލައިން އީރާނުގެ މިސައިލްތަކުގެ ބޮޑުބައެއް ޖައްވުގެ ތެރޭގައި ގޮއްވާލިކަމަށް ވަނީ ގަބޫލުކުރެވިފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ހިފެހެއްޓުމެއްނެތް ތާއީދު އިޒްރޭލަށް އޮތްކަން އަންގަވައިފައެވެ. ބައިޑެން ވިދާޅުވެފައިވަނީ އީރާނުގެ ހަމަލާއަކީ ވަރަށް ދެރަވަރު ހަމަލައެއް ކަމަށާއި އެއްވެސް ގެއްލުމެއް ނުދެވުނު ކަމުގައެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ މެދުތެރޭކަނޑާއި ރަތްކަނޑާއި ގަލްފުކަނޑުގައިވާ އެމެރިކާގެ މަނަވަރުތަކުން އީރާނުގެ ވަރަށް ގިނަ މިސައިލްތައް ޖައްވުގެ ތެރޭގައި ގޮއްވާލާފައިވާ ކަމުގައެވެ. އިނގިރޭސިވިލާތުގެ ދިފާއީވަޒީރު ޖޯން ހީލީ ވިދާޅުވެފައިވަނީ އީރާނުގެ ހަމަލަ މައިތިރިކޮށް އިޒްރޭލު ދިފާއުކޮށްދިނުމުގައި ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އިނގިރޭސިވިލާތުން ޚާއްސަ ދައުރެއް އަދާކުރިކަމުގައެވެ. އީރާނުގެ ވަރަށް ގިނަ މިސައިލްތައް އިނގިރޭސި މަނަވަރުތަކާއި ޖެޓުތަކުން ވައްޓައިލި ކަމުގައެވެ.

އިޒްރޭލުގެ ހިމާޔަތުގައި އަރަބި ގައުމެއްކަމަށްވާ ޖޯޑަނުން މިފަހަރުވެސް ހަރަކާތްތެރިވިކަން ވަނީ ކަށަވަރުވެފައެވެ. ޖޯޑަންގެ ވައިގެ ސަރަހައްދުގެ ތެރެއިން އީރާނުގެ މިސައިލްތަކެއް ވައްޓައިލިކަން ވަނީ ސާބިތުވެފައެވެ. ފްރާންސާއި ޖަޕާނުންވަނީ އިޒްރޭލަށް ތާއީދުކުރާކަން ފާޅުކޮށް އީރާނުގެ މިހަމަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނެފައިވަނީ އީރާނުން މިފަހަރު އެހެދީ ވަރަށް ބޮޑު ގޯހެެއް ކަމުގައެވެ. އެގޯހުގެ އަގު އީރާނުން އަދާކުރަންޖެހޭނެ ކަމުގައެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއެލް ހަގާރީ ބުންޏެވެ. އީރާނާ ދެކޮޅަށް އަމަލުކުރަންވީ ގޮތުގެ ޕްލޭނެއް އެބައޮތެވެ. އެ ޕްލޭނާ އެއްގޮތަށް އަހަރެމެން ކަންކަންކުރާނީ އަހަރެމެންނަށް ފެންނަ ދުވަހެއްގައި އަދި ފެންނަ ވަގުތެއްގައެވެ. އިޒްރޭލުގެ މި އިންޒާރުތަކާ ގުޅިގެން އީރާނުގެ އިންގިލާބީ ގާޑުން ބުނަނީ މިހެންނެވެ. ކެރެންޏާ ކަމެއް ކޮށްބަލާށެވެ. އެކަމެއްގެ ބަދަލު އަދިމިއަށްވުރެވެސް ވޭންދެނިވި ގޮތެއްގައި ހިފާނަމެވެ. ބަދަލު ހިފާނޭކަން، ހިފޭ ފެންވަރު އެބަހުރިކަން އަދިވެސް މޭރުން ނުވަނީ ހެއްޔެވެ. ކޮންމެއަކަަސް މި ދެފަރާތުގެ ބަސްމަގުހުރީ މިފަދަޔަކުންނެވެ.

އީރާނުގެ ހަމަލައަށްފަހު ސީދާ އީރާނާ ދެކޮޅަށް އިޒްރޭލުން އަދި ރައްދެއް ނުދިނަސް ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުބިތަށް ރޭ ދަންވަރުވެސް އަދި ފަތިހުވެސް ވައިގެ ވަރަށް ވަރުގަދަ ހަމަލާތަކެއް އިޒްރޭލުން ވަނީ ދީފައެވެ. އިޒްރޭލުން ބެއިރޫތުގެ އާއްމުންނަށް އަންގައެވެ. ރަށުން ފައިބައިގެންދާާށެވެ. އެހެންނޫނީ އޮތީ މަރެވެ. މިއީ ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ މީހުންނަށްވެސް އިޒްރޭލުން އާއްމުކޮށް އަންގާ އެންގުމެކެވެ.