އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ކޮލިޓީގެ ގިނަ މައްސަލަތައް ފާހަގަ ކުރެވިފައިވާތީ، ރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓުތަކުގެ އިންސްޕެކްޝަން ވަރުގަދަކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ވަނީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ، ސީޑީއެސްސީއޯ އިން އެލާޓް ކޮށްފައިވާ ބޭހުގެ ބާވަތްތަކުގެ ލިސްޓު އާންމުކޮށްފައެވެ.
ސީޑީއެސްސީއޯގެ އެލާޓާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް މާކެޓް އިވެލުއޭޝަނެއް ހަދައިފައިވާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެ އިންސްޕެކްޝަނުން ބެލި ބެލުމުގައި ލިސްޓުގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގް ލިސްޓުގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއްކަމާއި، ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އަދި ބުނީ އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވެސް ޔަގީންވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 7200321 ނަންބަރަށް ގުޅައިގެން ލިބެން ހުންނާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު