ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ ވީއައިޕީގައި ބައްޕަ ގެންގުޅުއްވި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ކުރި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތެއް ނުވިއެވެ.
އެމްއާރުސީސީ ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އަހަރަކަށްވުރެ ގިނަ ދުވަހު ޝިޔާމްގެ ބައްޕަ ބަހައްޓައި، ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ، އެ މައްސަލައިގެ ދައުވާ ބޭރުކޮށްދިނުމަށް، މީގެ ކުރިން އޮތް އަޑުއެހުމުގައި ޝިޔާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އާމިނަތު އަޒުލިފާ މިއަދު ކުރި ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތުން ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައިނުވާ ކަމަށް ހުކުމުގައިވެއެވެ.
ގާޒީ އެގޮތަށް ހުކުމް ކުރެއްވީ، އެކަމުގައި އަމަލުކުރަމުން ދިޔަ އުސޫލުން ޗީފް ޑިފެންސްގެ ބިއުރޯ އިން ހުއްދަ ދޭ ފަރާތްތައް އެތަނުގައި ބެހެއްޓޭކަމާއި ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް އެތަނުގައި ބައިތިއްބައި ހިދުމަތް ދިނުމާއި އާންމުކޮށް މީހަކު ބަހައްޓާ މުއްދަތަށްވުރެ ދިގު މުއްދަތަކު އެތަނުގައި ސިޔާމްގެ ބައްޕަ ބެހެއްޓިކަން ކަނޑައެޅޭނެ ގޮތެއް ނެތުމުންނެވެ.
ޚަބަރު
ޚަބަރު