ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގައި ދައުވާކޮށްފައިވާ ހިރަންޔާ ކުމުދުމާލި ޑި އަލްވިސްގެ ފަރާތުން އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝަރީއަތުގައި އެދިއްޖެއެވެ.

ކުނިގޮނޑުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 9:20 ހާއިރުއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޔާ ކުދުމުމާލީ ޑި އަލްވިސްގެ މައްޗަށެވެ. އެ އަންހެން މީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާގެ އިތުރުން އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ހިރަންޔާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުއްޓައެވެ. އެއީ ތުއްތު ކުއްޖާ ކުނިގޮނޑުން ފެނުނު ދުވަހެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި ހިރަންޔާ ވިދާޅުވީ އޭނާ ބަންދުގައި ހުންނަތާ މިހާރު 10 މަސް ވެފައިވާ ކަމަށެވެ. އަދި އޭނާއަށް އެހީވާން ރާއްޖޭގައި ހުރި ހަމައެކަނި މީހަކީ ދިފާއީ ވަކީލު ކަމަށެވެ. އެހެންވެ މައްސަލައިގެ ޝަރީއަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ޝަރީއަތް އަވަސްކޮށްދިނުމަށް އެދި ހިރަންޔާގެ ފަރާތުން ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސް ވަމުންދާކަން ވެސް ފާހަގަކޮށްފައި ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އެހެންވެ މައްސަލައިގެ ޝަރީއަތްތައް އަވަސްކުރުމަށް ބޭނުންވާ ކަމަށެވެ. ޝަރީއަތް އަވަސްކުރަން ބޭނުންވަނީ ހިރަންޔާއަކީ ރާއްޖެއިން ބޭރުގެ މީހަކަށްވުމުންނާއި ހުކުމެއް ނެތި ބަންދުގައި ބަހައްޓަން އުނދަގޫވާނެތީ ކަމަށެވެ. މައްސަލައިގެ ޝަރީއަތްތައް އަވަސްކުރަން ބަލާއިރު ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދަތިތަކެއް ދިމާވިޔަސް ޝަރީއަތް ކުރިއަށްގެންދާ އިރު، ހެކިވެރިން ހާޒިރުކުރުން ފަދަ ކަންކަން އަވަސް ކޮށްލައިގެން މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަށް ދައުލަތާއި ދިފާއުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ގާޒީ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި ހިރަންޔާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަހަރުގެ ޖެނުއަރީ 17 ގައި ބުނެފައިވަނީ ހިރަންޔާ ކުއްޖަކު ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ފާހާނާ ތަށި ތެރެއަށް ކަމަށެވެ. އަދި ވިހެއުމަށްފަހު ފާހާނާތަށިން އެ ކުއްޖާ ނަގައި، ކޮތަޅަށް ލައިގެން ދިޔައީ އެރަށު ކުނިގޮނޑަށް ކަމަށެވެ.

"ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހާކަށްހާ އިރު، އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާ މެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީ،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.