މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ އެކަން މަދުކުރަން ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މީހަކު މަގުމައްޗަށް ނުކުމެ ދަތުރުކުރަން ފަށައި ފަސް މިނިޓް ހޭދަވެގެންދާއިރު ފުލުހަކު ފެންނަންޖެހޭ ގޮތަށް ޕޮލިސީއެއް ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުންދާއިރު އެ ފުލުހުން ޓްރޭނިންއަށްފަހު އައުމުން އެ މަގުސަދު ހާސިލުކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ ކަމަށާއި އެކަން ދުވާލުގެ ބޮޑުބައެއްގަ ހާސިލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، މާލޭގެ މަގުތަކަށް ބާރު ބޮޑުވާ ގަޑިތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސީނިއާ ފުލުހަކު މި ސެންޓަރުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ. މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ގެންދާނެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ޝުޖާއު ވިދާޅުވީ، މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި ފުލުހުންގެ ހިދުމަތް ދިނުމުގައި އެއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.