ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަަވަހާރަކޮށްލުން ކުށްވެރި ކުރައްވައި އިޒްރޭލަށް ހައްގު އަދަބު ދިނުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުން އެއްބައިވެ ތެދުވާން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

ހަސަން ނަސްރުﷲ އަވަހާރަކޮށްލީ، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ހިޒްބުﷲ ގެ ހެޑްކުއާޓަރަށް އިއްޔެ ދިން ހަމަލާއެއްގައެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި އިންޓެލް މައުލޫމާތަކަށް ބިނާކޮށް، ނަސްރުﷲ ހުންނެވި އިމާރާތް ދެނެގަނެ އެ ތަނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީ އަވަހާރަކޮށްލީއެވެ.

އިޒްރޭލުގެ އެ އަމަލު ކުށްވެރިކުރައްވައި އެކްސްގައި ފައްޔާޒް މިރޭ ވިދާޅުވީ، ނަސްރުﷲގެ އިތުުރުން ލުބުނާނުގެ އެތައް ސަތޭކަ ބަޔަކު އިޒްރޭލުން މަރާލާފައިވާ ކަމަށާއި އިޒްރޭލްގެ އެ އަނިޔާވެރި ކަމަށް އެއްވެސް އަދަބެއް ނުދެވި ދުނިޔެ ހިމޭނުން އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުން އިތުރަށް ފުޅާވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުން އަންނަ ޖަރީމާތަކުގެ ނަތީޖާއަކަށްވާނީ އެ ސަރަހައްދަށް ދުވަހަކު ވެސް ހަމަޖެހުން ނުލިބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ހެޔޮ ވިސްނޭ ދުނިޔޭގެ ހުރިހާ ރައްޔިތުންނާއި މުސްލިމް ގައުމުތަކުގެ ލީޑަރުން އެއްބައިވެ، އިޒްރޭލާ ދެކޮޅަށް ތެދުވަންޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

އިޒްރޭލާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.