އިންޑޮނޭޝިއާގެ މައިނެއްގައި ބިންގަނޑުކަނޑައިގެން ގޮސް 15 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ އިރުމަތީގައި ގަވާއިދާ ހިލާފަށް މައިނު ކޮނެގެން ރަން ނެގުމުގެ މަސައްކަތް ކުރަނިކޮށް، ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު އެތައް ބަޔަކު ވަޅުލެވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މިހާތަނަށް 15 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު ގިނަ ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ އެ ހާދިސާ ހިނގި ވަގުތު މައިން ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ކިތައް މީހުން ކަމެއް ސާފުވެފައި ނުވާއިރު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން އެ މައިންގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ.

މައިންގައި ތާށިވެފައިވާ މީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް މޫސުމުގެ ސަބަބުން ހުރަސް އެޅިފައިވާއިރު އެ މައިން މިހާރު ބަންދު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.