ޖަޕާނުގައި މީހަކު މެރިކަމަށް ހުކުމްކޮށް ޖަލަށްލާފައި ހުރި މީހަކު 46 އަހަރު ފަހުން ސަލާމަތްވެއްޖެއެވެ.

މިހާރު އުމުރުން 88 އަހަރުވެފައިވާ އިވާއޯ ހަކަމާ ޖަލަށް ލާފައިވަނީ 1968 ވަނަ އަހަރު އޭނާގެ ބޮސްގެ އިތުރުން ބޮސްގެ އަނބިމީހާ އާއި ދެކުދީން މަރާލި ކަމަށް ތަހުގީގުން ސާބިތުވުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

46 އަހަރު ޖަލުގައި ހޭދަކުރިފަހުން ޖަޕާނުގެ ކޯޓަކުން ވަނީ އެ މައްސަލަ އަލުން ބެލުމަށްފަހު އިވާއޯ އެކަން ކުރިކަމަށް ދެއްކުމަށް ބަޔަކު އޭނާ ފްރޭމްކޮށްފައިވާ ކަމަށާއި އެއީ އޭނާ ކުރި އަމަލެއް ނޫންކަމަށް ނިންމައި މިނިވަން ކުރުމަށް ހުކުމް ކޮށްފައެވެ.

އުމުރުން ދުވަސް ވުމުގެ އިތުރުން ޖަލުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމުގެ ސަބަބުން އިވާއޯއަށް ވަނީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޭނާގެ ނަފްސާނީ ހާލަތު ބޮޑުކަމުން ކޯޓުގެ އަޑުއެހުންތަކަށް ވަނީ ދެވޭ ގޮތް ނުވެފައެވެ.

އިވާއޯގެ ކޭހަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހަށް ކުރިޔަށް ދިޔަ އަދި އެންމެ މަޝްހޫރު ކޭހުގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. އެގޮތުން ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ކުރިޔަށްދާއިރު ކޯޓަށް ވަނުމަށް ގިނަ ބަޔަކު ކިޔު ހަދަމުން ގޮސްފައިވެއެވެ.