މިލިޓަރީ އެހީގެ ގޮތުގައި އެމެރިކާއިން އިސްރާއީލަށް 8.7 ބިިލިއަން ޑޮލަރުގެ ޕެކޭޖެއްދީފިއެވެ.

އިސްރާއީލުން ބުރާސްފަތި ދުވަހު ވަނީ އެމެރިކާއިން އެ ގައުމަށް 8.7 ބިލިއަން ޑޮލަރުގެ އެހީ ދީފައިވާކަމަށާއި އެ އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިޔަށްދާ މިލިޓަރީ ކަންކަމުގެ އިތުރުން މެދުއިރުމަތީގައި ކުރިޔަށްދާ މިލިޓަރީ ހަރަކާތްތަކަށް ކަމަށް ބުނެފައެވެ.

އެމެރިކާއިން ދީފައިވާ އެހީގެ ޕެކޭޖުގެ ތެރެއިން 3.5 ބިލިއަން ޑޮލަރަކީ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރު ގަތުމަށް ބޭނުންކުރުމަށް ދޭ އެހީ ކަމަށް އިސްރާއީލުން ބުނެއެވެ. އެހީ ޕެކޭޖުން 5.2 ބިލިއަން ޑޮލަރަކީ އިސްރާއީލުގެ އެއާ ޑިފެންސު އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އެހީ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާޒާގެ އިތުރުން ލުބުނާނަށްވެސް ހަމަލާދީ އެތައް ހާސް ބަޔަކު މަރާލާފައެވެ.