ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށާއި އެފަދަ ކެމިކަލްތައް ގުދަންކުރާ ތަންތަން ބެލުމަށް އަންނަ މަހު އެކެއްގައި އިންސްޕްކްޓުކުރަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު"ގެ ތިންވަނަ ނަންބަރުގެ ދަށުން އެކުލަވާލައިފައިވާ، ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލްއާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ، ރާއްޖެއަށް ގެނައުމާއި، އެތަކެތި ގުދަންކުރުމާއި، ރާއްޖޭގައި ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލު ބަޔާންކުރާ ގަވާއިދު، "ނުރައްކާތެރި ކެމިކަލާއި ބެހޭ ގަވާއިދު"ގެ ދަށުން ކެމިކަލް ގުދަންކުރާ ތަންތަނާއި އެތަކެތި ގެންގުޅެނީ ގަވާއިދާ އެއްގޮތަށްތޯ، ބޭނުން ކޮންމެ ހިނދެއްގައި ބެލުމުގެ އިހުތިޔާރު ޑިފެންސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
"އެހެންކަމުން 1 އޮކްޓޫބަރު 2024 އިން ފެށިގެން މި ދެންނެވުނު ފަދަ ތަންތަން އިންސްޕެކްޓްކުރުމާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ އޮޕަރޭޝަން ޒޯންތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ..،" ޑިފެންސުން ބުންޏެވެ.
އެ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ހިރާސް ފާސް" ކަމަށް ޑިފެންސުން ބުންޏެވެ.
ކެމިކަލް އެތެރެކުރުމާއި އެތަކެތި ގެންގުޅެ އަދި ގުދަންކުރުމަށް ޑިފެންސް މިނިސްޓްރީން ހުއްދަދެނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވިޔަސް ބައެއް ފަރާތްތަކުން އެތަކެތި ގެންގުޅުމާއި ގުދަންކުރުމުގައި ގަވާއިދާ ހިލާފުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޑިފެންސުން ބުންޏެވެ.
"މިކަމަކީ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން މުތުލަގަށް ތަންފީޒު ނުކުރެވިއްޖެނަމަ އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެވެ..،" ޑިފެންސުން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދުޅަހެޔޮ މުޖުތަމެއް ބިނާކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށާއި އެ މަސައްކަތަށް މިނިސްޓްރީތަކުގެ މެންޑޭޓުތަކުގެ ތެރެއިން އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުގެ މަތިން ކުރާ މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަކީ ލާޒިމުވެގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ ގާނޫނުތަކުން ޑިފެންސް މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑިފެންސުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު