ޓްރީޓޮޕް ހޮސްޕިޓަލުން ކަކުލުހުޅު ބަދަލުކުރުމުގެ 1000 އަށްވުރެ ގިނަ ސާޖަރީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީޓޮޕުން މިއަދު ބުނީ މިހާތަކަށް ކަކުލުހުޅު ބަދަލުކުރުމުގެ 1001 ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށާއި އެއީ ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަށީގެ ބަލިތަކަށް ހާއްސަ ޓީމުން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ސީނިއާ އޯތޯޕީޑިކް ކޮންސަލްޓަންޓް އަދި ޓްރޯމާގެ ހެޑް ސާޖަން ޑރ. މުހައްމަދު ހަބީބުގެ އިސްނެންގެވުމުގެ މަތިން ސާޖަރީ ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
ކަކުލު ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އާންމު ދިރިއުޅުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކުގެ ހުޅު ބަދަލުކުރުމަށް ކުރެވޭ އެ ހާއްސަ ސާޖަރީއަށް އާންމުކޮށް ކިޔަނީ "ޓޯޓަލް ނީ ރިޕްލޭސްމަންޓް" ނުވަތަ ޓީކޭއާރު އެވެ. އެ ސާޖަރީއަކީ ރާއްޖެބަލި ނުވަތަ ކަކުލަށް ބޮޑެތި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނުހަނު ހެޔޮ ބަދަލެއް ގެނެސްދޭ ސާޖަރީއެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ކުޅަދާނަ އަދި ތަޖުރިބާކާރު ކަށީގެ ޓީމުގެ އިތުރުން އެ ސާޖަރީތައް ކުރިއަށް ގެންދިއުމުގައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ދައުރުވެސް ވަރަށް ބޮޑު ކަމަށާއި ވަކިން ހާއްސަކޮށް އެފަދަ ޕްރޮސީޖާތަކުގައި ތަދު މެނޭޖުކުރުމަށް ހަރަކާތްތެރިވާ ހޭނައްތާ ޑަކްޓަރުންގެ ދައުރުވެސް ފާހަގަކުރާ ކަމަށެވެ.
- ޑރ. މުހައްމަދު ހަބީބު (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
- ޑރ. އަލީ މުޒްނީ (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
- ޑރ. މަރިޔަމް ޔޫމީ (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
- ޑރ. ހުސައިން ފައިސަލް (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
- ޑރ. އަހުމަދު އާޒިމް އަބްދުއްޝަކޫރު (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
- ޑރ. އާމިނަތު ފިއުނާ (ހޭނައްތާ ޑޮކްޓަރު)
- ޑރ. ބިޝްނު ރަވި ކޭސަވަން (ހޭނައްތާ ޑޮކްޓަރު)
- ޑރ. ޒުލައިޚާ މާއީ (ހޭނައްތާ ޑޮކްޓަރު)
ޓްރީޓޮޕުން ބުނީ އެ ކާމިޔާބީއަކީ ފެންވަރު ރަނގަޅު ކަށީގެ ފަރުވާ ފޯރުކޮށްދިނުމާއި ސާޖިކަލް ޓެކްނިކްތައް ކުރިއެރުވުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި ހޮސްޕިޓަލުގެ އެންމެ ޒަމާނީ ވަސީލަތްތަކާއި، ހުނަރުވެރި އަދި އޯގާތެރި ޓީމެއް އޮތުމުގެ ސަބަބުން، ބަލިމީހުންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ފަރުވާ ލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ރައްޔިތުންގެ އަތުން ދާ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު