ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ހިންގާ ގަތުލުއާންމާއި އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިޒްރޭލަށް ފުރުސަތު ފަހިކޮށްދެނީ ވީޓޯގެ ބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް ރޭ ދެއްވި ބަޔާނުގައި ވަނީ ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތައިލުމުގެ އަމަލުތައް ނިއުޅެމުންދާ އިރުވެސް، ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ.
"ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަގުވާމީ މުޖުތަމައުން އީޖާދީ ހައްލު ހުށަހެޅޭނެ އޮނިގަނޑެއް ބިނާ ކުރުމަށެވެ.
ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ވިދާޅުވީ، އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ. ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާ ކަމަށެވެ.
ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާ އެކު ތަމްސީލުކުރުމާއި ޖަވާބުދާރީވުމާއި ދެ ފުށް ފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާހު ގެނައުމަށް ރައީސް ވަނީ އިންޓަގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވައިފައެވެ. މިގޮތުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ރާއްޖޭން ކުރާ އިލްތިމާސް އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ.
''އެ ބަޔަކަށް ހިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިހާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ،" ރައީސް ވިދާޅުވިއެވެ.
އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމާއަތުގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު