ކަނޑުގެ އޮއިވަރާއި ރާޅުގެ ހަކަތަ އަދި އޯޝަން ތާމަލް އެނާޖީ ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެދިވަޑައިގެންފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި މިއަދު ބޭއްވި އިއާދަކުރަނިވި ހަކަތަކައާ ބެހޭ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ވަނީ އިއާދަކުރަނިވި ހަކަތައާ ބެހޭ މަގުޗާޓެއް އެކުލަވާލައިފައި ކަމަށެވެ. ރައީސް ވިދާޅުވީ މަގުޗާޓުގައި ހިމަނާފައިވަނީ ވައިގެ ޒަރިއްޔާއިންނާއި އެހެނިހެން ގޮތްގޮތުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކަމަށެވެ. ރާއްޖެއިން މިހާރު ވަނީ ފޮޓޯވޮލްޓިކް ސިސްޓަމް އެކި ރަށްރަށުގައި ހަރުކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ 99 ޕަސަންޓަކީ ކަނޑުގެ ސަރަހައްދު. އަޅުގަނޑުމެން ބޭނުންވަނީ ކަނޑު ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަަތަ އުފެއްދޭނެ ގޮތްތަކަށް ދެނެގަންނަން. އޭގެ ތެރޭގައި ކަނޑުގެ އޮއިވަރާއި، ރާޅުގެ ހަކަތަ އަދި އޯޝަން ތާމަލް އެނާޖީ ކޮންވާޝަން ހިމެނޭ. އަޅުގަނޑުމެން މި އެދެނީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރަން އެންމެ ރަނގަޅު އިންކުއިބޭޓާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ދާއިރާއިން އިންވެސްޓްމެންޓުގެ އަގަކީ 100 މިލިއަން ޑޮލަރު ކަމަށެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓު ކުރެވެން ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅުގައި އެސްއީޒެޑް ގާނޫނުގެ ދަށުން އައި ފުރަތަމަ އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމެންޓަށް ހުއްދަދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިންވެސްޓްމަންޓް މެދުވެރިކޮށް ގްރޭޓާ މާލޭ ސަރަހައްދުގައި އޮތް ކަރަންޓު ޑިމާންޑަށް ކޭޓާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ މާ ދުރަކު ނޫން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ހާސިލުވާކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލުވާން ދިޔަ ނަމަވެސް އެކަމަށް އިތުރު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެންވެ ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ގޮވައިލާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާއަކީ ފަސޭހައިން ހަމަޖެހެން ހުންނަ ފައިސާއަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ 33 ޕަސަންޓުގެ ކަރަންޓު ޑިމާންޑު އިއާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކޮޕް 28 ސަމިޓުގައި ވެސް އިއުލާން ކުރައްވާފައިވާނެ ކަމަށާއި އެއިރު ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަކީ 53 މެގަވޮޓް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ އަދަދު ވަނީ 68 މެގަވޮޓަށް މަތިވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތިލަފުށީގައި 13 މެގަވޮޓުގެ ވޭސްޓް މެނޭޖުމެންޓް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ލޯ ކާބަން ޓްރާންސްޕޮޓޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ރާއްޖެއިން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަކީ ދުނިޔޭގައި އޮތް އެންމެ ތިމާވެއްޓާ ރަށްޓެހި މަސްވެރިކަމުގެ ދާއިރާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާގެ 35 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. ކާބަން އެމިޝަން މަދުކުރުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް ދެމެހެއްޓެނެވި ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިއާދަަކުރަނިވި ހަކަތައަށް ބަދަލުވުމުކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ ކަމެއްް އަދި އައީ ވިލުންވެރި އިގުތިސޯދަކަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން 1989 ނޮވެމްބަރު 18 ގައި ސޮއިކުރި "ދަ މާލޭ ޑިކްލަރޭޝަން އޮން ގްލޯބަލް ވާނިން އެންޑް ސީ ލެވެލް ރައިޒް" އާއެކު ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަހުން މިވީ 30 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ ހުއްޓުމެއްނެތި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.