ސަރުކާރުން މިއަހަރުގެ މިހާތަނަށް ނެގި ލޯނުގެ އަދަދު ތިން ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން އިއްޔެ އާންމުކުރި ލޯނުތަކުގެ ތަފްސީލުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ނަގާފައިވަނީ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ.
މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގެ ޑިފެމްބަރު މަހު ވެސް ވަނީ ލޯނެއް ނަގައިފައެވެ. އެ ލޯނާއެކު މި ސަރުކާރު ހަވާލުވި ފަހުން 218 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު ވަނީ ނަގައިފައެވެ. އެއީ ޖުމުލަ ހަ ލޯނެކެވެ.
މިދިޔަ ޑިސެމްބަރު މަހު ނެގި ލޯނަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކްލީން ޓެކްނޮލޮޖީ ފަންޑުން ނެގި 18.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މިދިޔަ މެއި މަހު ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ވަނީ ދެ ލޯނެއް ނަގައިފައެވެ. އެއީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ނެގި 187.5 މިލިއަން ސައުދީ ރިޔާލް (49.9 މިލިއަން ޑޮލަރު) ގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ނެގި 375 މިލިއަން ސައުދީ ރިޔާލް (99.9 މިލިއަން ޑޮލަރު) އެވެ.
އޭގެ އިތުރުން މިދިޔަ ޖޫން މަހު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ވެސް ވަނީ ދެ ލޯނެއް ނަގައިފައެވެ. އެއީ އެމްއެސްއީ ޑިވެލޮމްޕަންޓް ފަންޑުގެ ގޮތުގައި ނެގި 7.6 މިލިއަން ސްޕެޝަލް ޑްރޯވިން ރައިޓްސް (10.2 މިލިއަން ޑޮލަރު) އާއި 30 މިލިއަން ޑޮލަރުގެ ލޯނެކެވެ. އަދި ޖުލައި މަހު ރަށްރަށުގެ ހޮސްޕިޓަލުތައް ތަރައްގީކުރުމަށް ކުވައިތު ފަންޑުން ތިން މިލިއަން ކުވައިތީ ދީނާރު (9.8 މިލިއަން ޑޮލަރު) ގެ ލޯނެއް ވެސް ނެގިއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން ނެގި ލޯނުތަކުގެ ތެރެއިން މިދިޔަ ސަރުކާރުތަކުން ނެގި ލޯނުތަކެއް އަދިވެސް ނުދެއްކި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނެގި އެއް ލޯނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ނެގި ދިހަ ލޯނެއް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި 32 ލޯނެއް ހިމެނެއެވެ.
- ރައީސް ނަޝީދުގެ ސަރުކާރުން ނެގި (އެއް ލޯނު): 40 މިލިއަން ޑޮލަރު / 614 މިލިއަން ރުފިޔާ
- ރައީސް ޔާމީންގެ ސަރުކާރުން ނެގި (ދިހަ ލޯނު): 821 މިލިއަން ޑޮލަރު / 12 ބިލިއަން ރުފިޔާ
- ރައީސް ސޯލިހުގެ ސަރުކާރުން ނެގި (32 ލޯނު): ދެ ބިލިއަން ޑޮލަރު / 30 ބިލިއަން ރުފިޔާ
- ކުރީ ސަރުކާރުތަކުގެ ޖުމުލަ: 2.8 ބިލިއަން ޑޮލަރު / 43.9 ބިލިއަން ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު