ސްރީލަންކާގެ އައު ރައީސް އަނޫރާ ޑިސަނާޔަކަ ވަނީ އެގައުމުގެ ބޮޑުވަޒީރުކަމަށް ޑރ.ހަރީނީ އަމަރަސޫރިޔާ އައްޔަން ކުރައްވައި އެކަމަނާގެ ދަށުން މަސައްކަތްކުރާނެ ހަތަރު މިނިސްޓަރުންގެ ކުޑަ ކެބިނެޓެއް މިހަފުތާގައި އެކުލަވައިލައްވައިފައެވެ. އައު ބޮޑުވަޒީރާއި ވަޒީރުން ހޮއްވެވީ ރައީސް އަނޫރާ ޑިސަނާޔަކަވެސް އެ ކޯލިޝަނަކަށް ނިސްބަތްވެވަޑައިގަންނަވާ ނެޝަނަލް ޕީޕަލްސް ޕަވަރ، އެންޕީޕީގެ ތެރެއިންނެވެ. ސްރީލަންކާގެ ޕާލަމެންޓްގައި މި ކޯލިޝަނަށް ނިސްބަތްވާ މާގިނަ މެންބަރުންތަކެއް މިވަގުތު ނެތެވެ. އައު ބޮޑުވަޒީރާއި އައު ވަޒީރުންނަކީ ޕާލަމެންޓުގެ ތެރެއިން އެންޕީޕީގެ ސަރުކާރެއް ނެގެން އޮތް ސައިޒުގައި ކުރެވިފައިވާ މަސައްކަތެކެވެ. ކެބިނެޓް ކުޑަވުމުގެ ސިއްރަކީ ޕާލަމެންޓުގައި އެންޕީޕީގެ ސައިޒު ކުޑަކަމެވެ. މިހާރު އޮތް ޕާލަމެންޓް އުވާލައްވައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަކީ ރައީސް ޑިސަނާޔަކާގެ ކެމްޕޭން ވައުދެކެވެ. އެހެންވީމާ ވަރަށް އަވަހަށް ޕާލަމެންޓް އުވައިލެވޭނެ ކަމަށް ބެލެވެއެވެ.

އައު ބޮޑުވަޒީރާއި އައު ވަޒީރުން މަގާމުގައި ތިއްބަވާނީ އައު ޕާލަމެންޓް ހޮވެންދެނެވެ. ބެލެވެނީ މިއަހަރު ނިމުމުގެ ކުރިން އެކަން ކުރައްވާނެ ކަމަށެވެ. އައު ކެބިނެޓްގެ ކުޑަކަމާއެކު ރައީސް ޑިސަނާޔަކަ ވަނީ އޭނާގެ ސީދާ ބެއްލެވުމުގެ ދަށަށް ހަތަރު ފަސް މިނިސްޓްރީއެއް ގެންނަވައިފައެވެ. އޭގެތެރޭގައި ޑިފެންސާއި ފިނޭންސާއި އިނަރޖީއާއި އެގްރިކަލްޗަރވެސް ހިމެނެއެވެ. އައު ބޮޑުވަޒީރު ޑރ.ހަރީނީ އަމަރަސޫރިޔާގެ ސީދާ ބެއްލެވުމުގެ ދަށަށް ގެންނެވި މިނިސްޓްރީތަކުގެ ތެރޭގައި އެޑިއުކޭޝަނާއި ހެލްތު، އަދި ޓްރޭޑާއި ޖަސްޓިސް ހިމެނެއެވެ. ޚާރިޖީވަޒީރަކަށް އައްޔަން ކުރެވުނީ ވިޖިތާ ހެރަތެވެ. އޭނާގެ ސީދާ ބެއްލެވުމުގެ ދަށުގައިވެސް އަދި އެހެން ބައެއް މިނިސްޓްރީތައް ވެއެވެ. ޑރ.ހަރީނީ އަމަރަސޫރިޔާއަކީ ސްރީލަންކާގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ. ދެކުނު އޭޝިޔާގައި އެންމެ ގިނަ އަންހެނުން ބޮޑުވަޒީރުކަން ކުރެއްވި ގައުމަކީވެސް މިހާރު ސްރީލަންކާއެވެ.

އަންހެނަކު ބޮޑުވަޒީރަކަށް އިންތިޚާބުކުރި ދުނިޔޭގެ ފުރަތަމަ ގައުމަކީވެސް ސްރީލަންކާއެވެ. އެބޭފުޅަކީ މީގެ 64 އަހަރު ކުރިން ސްރީމާވޯ ބަންޑާރަނައިކައެވެ. އެއީ 1960 ވަނަ އަހަރުއެވެ. އޭގެފަހުން އެކަމަނާގެ ދަރިކަނބަލުން ޗަންދުރިކާ ކުމާރަތުންގާވެސް ވަނީ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އޭގެފަހުން ޗަންދުރިކާ ވަނީ ރައީސްކަންވެސް ކުރައްވައިފައެވެ. ޗަންދުރިކާގެ ރައީސްކަމުގައި އެކަމަނާގެ މަންމާފުޅު ސްރީމާވޯ ބަންޑާރަނައިކަ ދެވަނަ ފަހަރަށް ގައުމުގެ ބޮޑުވަޒީރުކަމަށްވެސް އައްޔަން ކުރެެއްވިއެވެ. އެގޮތުން ގައުމުގެ އެންމެމަތީ ދެ މަގާމުގައި ދެމައިން ތިބުމުގެ ރިކޯޑުވެސް ސްރީލަންކާއަށް ވަނީ ލިބިފައެވެ. ކޮންމެއަކަސް އައު ބޮޑުވަޒީރު އުމުރުފުޅުން 54 އަހަރުވީ ޑރ.ހަރީނީ އަމަރަސޫރިޔާއަކީ ކުރިން ޔުނިވަރސިޓީ ލެކްޗަރަރއެކެވެ. އެކަޑެމިކް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަމަނާ ސޯޝިއޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ހިންދޫ ކޮލެޖް ޔުނިވަރސިޓީގައެވެ. މާސްޓާރސް ހެއްދެވީ އޮސްޓްރޭލިޔާގައެވެ.

އެކަމަނާ ޕީއެޗްޑީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ އެޑިންބަރާ ޔުނިވަރސިޓީގައެވެ. ކޮންމެއަކަސް އެކަޑެމިކް ދާއިރާ ދޫކުރައްވައި އެކަމަނާ ސިޔާސީ ދާއިރާ އިޚުތިޔާރު ކުރައްވައި އެންޕީޕީއާ ގުޅިވަޑައިގަތީ ދާދިފަހަކުންނެވެ. ޕާލަމެންޓަށް ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. މާގިނަ އަހަރުތަކެއްނުވެ އެ ވަޑައިގެންނެވީ ގައުމުގެ ބޮޑުވަޒީރުކަމަށެވެ. ފާއިތުވި ސައުވީސް އަހަރުގެ ތެރޭގައި ލަންކާގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައެވެ. އައު ބޮޑުވަޒީރާއި އައު ރައީސަށް އެންމެ ފުރަތަމަވެސް އޮތް މަސައްކަތަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު ކުރަންޖެހޭ މަސައްކަތްތަކެވެ. މާބޮޑު ފިއްތުންތަކެއް ނުހިމެނޭ ގޮތަކަށް އައިއެމްއެފްގެ ލޯނު ހޯދުމެވެ. އެކަޑެމިކް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމަށް ގެންނެވުމަށް ރައީސް ޑިސަނާޔަކަ ނިންމެވީ އައިއެމްއެފްގެ ކަންތަކަށް ވިސްނަވައިފައި ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ކޮންމެކަހަލަ ވިސްނުމެއްގައި ކުރެއްވިޔަސް މިކަމަކީ ސްރީލަންކާގެ އެތެރެޔާއި ބޭރުން ވަރަށް އުފަލުން ބަލައިގަތް ކަމެކެވެ.

އައު ރައީސް ޑިސަނާޔަކާ ފަދައިން އައު ބޮޑުވަޒީރަކީވެސް ކޮމިއުނިސްޓް ފިކުރުގެ ބޭފުޅެކެވެ. ސިޔާސަތު ރާވައިލުމުގައި ދެބޭފުޅުންގެ ވިސްނުމާއި ފިކުރު ވަރަށް އެއްގޮތެވެ. އެކަޑެމިކް ކަންކަން ފިޔަވައި ދެބޭފުޅުންގެ ފަތިފުށްވެސް ދާދިއެއްގޮތެވެ. ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ގިރާކުރަންޖެހުނު ހަރުފަތްތަކާއި ގޮންޖެހުންތައްވެސް ދާދި އެއްގޮތެވެ. އައު ރައީސް ޑިސަނާޔަކަ މަގާމަށް ވަޑައިގެންނެވިތާ އަދި ހަފުތާއެއްވެސް ނުވެއެވެ. ރިޔާސީ އިންތިޚާބު ބޭއްވުނީ މިހަފުތާގެ ހޮނިހިރު ދުވަހުއެވެ. ނަތީޖާ ސާފުކުރެވުނީ އާދީއްތަ ދުވަހުއެވެ. ރައީސްކަމުގެ ހުވާކުރެއްވީ ހޯމަދުވަހުއެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ވިދާޅުވިއެވެ. ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވެފައިވާ ތާހިރު ސިޔާސީ ނިޒާމެއް ބޭނުމެވެ. މަސައްކަތްކުރާނީ އެ އަމާޒަށް ވާސިލްވުމަށެވެ. ސިޔާސީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނީ އެ އަމާޒަށް ވާސިލްވެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން ސްރީލަންކާގެ ރައީސަކު ވިދާޅުވެފައިނުވާޒާތުގެ އައު ވާހަކަފުޅެއްވެސް އައު ރައީސް ޑިސަނާޔަކަ ވަނީ ވިދާޅުވެފައެވެ. ވިދާޅުވިއެވެ. ޖާދޫގަރެއްނޫނީމެވެ. އަހަރެން ދަންނަ ކަންކަމަށްވުރެ ގިނައީ ނުދަންނަ ކަންކަމެވެ. މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ގައުމު ނެގެހެއްޓުމުގެ ބުރަ މަސައްކަތް ކުރާނީ އެކަމަށް އެންމެ ލާއިގު މީހުންގެ އެހީތެރިކަމާއެކުގައެވެ. މީގެ ކުރިން ސްރީލަންކާގެ ރައީސްކަން 8 ބޭފުޅަކު ކުރައްވާފައިވާއިރު އެހުރިހާ ބޭފުޅުންވެސް ވިދާޅުވަމުން ގެންދެވީ ހުރިހާ ބައްޔެއްގެ ފަރުވާވެސް އެބަހުރިކަމުގައެވެ. ކަންކުރާންވީ ގޮތްވެސް ސާފުކަމުގައެވެ. ކޮވިޑުގެ ތެރޭގައި ވެރިކަން ކުރެެއްވި ގޮޓަބަޔާ ރާޖަޕަކްސާވެސް ވިދާޅުވީ ހަމައެހެންނެވެ. ކަންކުރަންވީގޮތް އެނގިވަޑައިގަންނަވާ ކަމުގައެވެ. އެހެންވިދާޅުވެފައި ގައުމު އަނދަވަޅަކަށް ވައްޓައިލެއްވީއެވެ. އައު ރައީސް ޑިސަނާޔަކާ އެވިދާޅުވަނީ އެ އަނދަވަޅުން ގައުމު ނެންގެވުމުގެ މަސައްކަތަށް ކުޅަދާނަ ޓީމެއް އެކުލަވައިލައްވާނެ ވާހަކަފުޅެވެ.