ހުސް ވައުދުތަކުގެ މަތީގައި ތިބެވެން ނެތް ކަމަށް ވިދާޅުވެ، ނަތީޖާ ނެރުމަށް ހުރިހާ ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިރޭ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2015 ވަނަ އަހަރު ހުރިހާ ގައުމުތަކުން އެއްވެ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އާއެކު އަމާޒުތަކެއް އެކުލަވާލި ނަމަވެސް، ހަ އަހަރުގެ ތެރޭގައި އެކަންކަން ހާސިލުކުރެވިފައި ނުވާ ކަމަށެވެ.

"މި ހަފުތާގައި އަޅުގަނޑުމެން މި އެއްބަސްވީ ކުރިމަގަށް ކަންކަން ހާސިލުކުރުމަށް. އެކަމުގެ ޑޮކިއުމަންޓުތައް އަދި އެބަ ބޭނުންވޭ. މި އެއްބަސްވުމަށް 2015 ވަނަ އަހަރުގެ އެސްޑީޖީއަށް ވީ ގޮތަށް ވެގެން ނުވާނެ. އަޅުގަނޑުމެންނަށް އެގޮތަށް އެކަން ކުރެވޭޭކަށް ނެތް. އަޅުގަނޑުމެން އަބަދު ބައްދަލުވުންތައް ބާއްވައި، ވާހަކަތައް ދައްކައި، ހަމައެކަނި އެއްބަސްވުންތައް ހަދައިގެން ތިބެވޭކަށް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދުވަސްތައް އެނބުރި އައިސް، ބިރުވެރިކަމަކަށް ދާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި މިހާރު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. އަދި ހައްގުތައް ރައްކާތެރިކުރުމަށް އެ ހައްގުތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ދެއްވި ތަގުރީރުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ގިނަ މައްސަލަތަކެއްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކައިފައެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި ރައީސް ވަނީ އެ މައްސަލައިގައި އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ރައީސްގެ ތަގުރީރުގައި، ރާއްޖެ ފަދަ ގައުމުތަކަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ލިބޭ ގެއްލުންތަކާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އަދި ރާއްޖޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.