ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ ހުވާކުރެއްްވުމާއެކު ކުރީގެ ރައީސް ގޮޓަބަޔާ ނޭޕާލަށް ދަތުރުކުރައްވައިފިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް ވަޑައިގެންފައިވަނީ އިއްޔެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ ހެނދުނު ނޭޕާލަށް ވަޑައިގެން ގޮޓަބަޔާ މަޑުކުރައްވަނީ ވެރިރަށް ކަތަމަންޑޫގައި ހުންނަ ވިވަންތާ ހޮޓެލުގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގޮޓަބަޔާ ހުންނަވާ ކަތަމަންޑޫގެ ހޮޓާ ހިމެނޭ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، ނޭޕާލްގެ އެހެން ސަރަހައްދުތަކަށް ވެސް ގޮޓަބަޔާ ވަޑައިގަންނަވާނެއެވެ.

ލަންކާގައި 2022 ވަނަ އަހަރު ކުރިއަށްދިޔަ މަދަނީ ހަމަނުޖެހުންތައް ކޮންޓްރޯލު ނުވެ ގޮޓަބަޔާ ހުންނަވާ ލަންކާގެ ރައީސްގެ ގެކޮޅަށް އާންމުން ވަނުމާއެކު އެމަނިކުފާނު ވަނީ ގައުމު ދޫކުރައްވައި ޖުލައި 13 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. އަދި ޖެހިގެން އައި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ވެސް މަޑުކުރެއްވިއެވެ. އަދި އެއަށްފަހު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވިއެވެ.

ތަފާތު ތުހުމަތުތައް ކުރެވިފައިވަނިކޮށް ގޮޓަބަޔާ އިސްތިއުފާދެއްވި އިރު، ލަންކާގެ މާލީ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެކަމުން އަދިވެސް އެގައުމަށް އަރައިގަނެވިފައެއް ނުވެއެވެ.