ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލަތަކާ ގުޅޭގޮތުން ފީފާ އާއި ނޯމަލައިޒޭޝަން ކޮމިޓީން ޕްރޮސިކިއުޓާ ޖެނެރަލް، ޖަސްޓިސް (ރިޓަޔާޑް) އައްބާސް ޝަރީފްއާ މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި ފީފާގެ ފަރާތުން ބައިވެރިވީ އެފްއޭއެމްގެ މައްސަލަތަކާ ގުޅިގެން ރާއްޖެ އައިސްފައިވާ ފީފާގެ ވަފުދުގެ ޓީމެވެ. އެޓީމުގައި ޖުމުލަ ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
ޕީޖީ އޮފީހުން ބުނީ އެ ބައްދަލުވުމަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދުމުގެ މަތިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށާއި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން އެ އިދާރާގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕީޖީ އައްބާސްއާ ހިއްސާކުރެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ޕީޖީ އައްބާސް ވިދާޅުވެފައިވާ ކަމަށާއި އަދި އެފްއޭއެމް ތެރޭގައި އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ބާރުއެޅުއްވި ކަމަށެވެ.
އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕީޖީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރުމަށް އަންގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ގައެވެ.
އެފްއޭއެމްގެ ފައިސާ އިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާއާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ މިމަހުގެ 18 ގައި ފޮނުވައިފައެވެ.
އިސްކަންދަރު ކޮށީގައި އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ފަރާތުން އަހުމަދު ސަވާދު ވިދާޅުވެފައިވަނީ އެ މައްސަލައަކީ ބައްސާމްގެ ނަމުގައި އަމީން އެވެނިއު އިން ގަނެފައިވާ އޭ1205 އަދި އޭ1206 އެޕާޓްމަންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ މައްސަލަ ކަމަށެވެ. އަދި އެ ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި ތަފާތު އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް އެ ކުންފުނިތަކުން އެފްއޭއެމަށް ދީފައިވާ ދިވެހި ރުފިޔާކަން ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 14 އޭޕްރީލް 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ފާހަގަކުރެވޭ އިރު، އެ މުއާމަލާތަކީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމަށް 14 އޭޕްރީލް 2021 ގައި ފީފާ އިން ޖަމާކޮށްފައިވާ 1،912،950 (1.9 މިލިއަން) ޑޮލަރުގެ ތެރެއިން އަމީން ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ފައިސާއެއްކަން ފާހަގަކުރެވޭ ކަމަށް ސަވާދު ވިދާޅުވެފައިވެއެވެ.
"ތަހުގީގުން ބެލި ބެލުމުން ފާހަގަކުރެވެނީ މި ލޯނު އެފްއޭއެމުން ނަގާފައިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ފުޓުބޯޅަ ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަން. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު މި ކުރެވުނު އެއް މިލިއަން ޔޫއެސް ޑޮލަރުގެ މުއާމަލާތަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވެފައިވެއެވެ.
ސަވާދު އިތުރަށް ވިދާޅުވެފައިވަނީ އެ ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށާއި އެ ލޯނުގެ ފައިސާގެ އަދަދާއި އަމީން ކޮންސްޓްރަކްޝަނުން ފައިސާ ދައްކާފައިވާ ރިސީޓްތަކުގައި ބަޔާންކުރާ ފައިސާގެ އަދަދާ ދިމާވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. އަދި އެފްއޭއެމްގެ ފައިސާ އިން ޖުމުލަ 3،084،000 (ތިން މިލިއަން) ރުފިޔާ ދެ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު