ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުވޭތުގެ އިންވެސްޓަރުންނަށް ދައުވަތުދެއްވައިފި އެވެ. ‎

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒު މި ދައުވަތު ދެއްވީ، ކުވޭތުގެ ވަލީޢަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ކުވޭތު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށްޓަކައި، އަދި ވަކީން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ދޭ އަހައްމިއްޔަތު، ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމަށާއި ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، ރައީސް ޑރ. މުއިއްޒު ވަނީ ކުވޭތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

‎މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް. ޑރ މުއިއްޒާއި ކުވޭތުގެ ވަލީޢަހްދު ވަނީ ދެ ގައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.