ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އީޔޫ މާކެޓުގައި ވާދަނުކުރެވޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ހިއްސާކުރައްވައިފި އެވެ.
މި ކަންބޮޑުވުން ހިއްސާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުންވެސް ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައި، ދެފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހުށަހަޅުއްވައި، ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ދިވެހިރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށާއި މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދިވެހިރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކާއި، ސިޔާސަތުތަކަށް ތައުރީފުކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެން ހުރި އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިޔަށްއޮތްތަނުގައިވެސް އެކުގައި އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދު އައުކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު